އިޒްރޭލު ސިފައިން ހައްޔަރު ކުރާނެ ބޮޑެތި މީހުން ހުސްވެގެން މިހާރު ކުޑަ ކުދިން ހައްޔަރުކުރަން ފަށައިފިއެވެ. އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާ ހަމޮކޭޑް އިން ބުނާ ގޮތުން އިސްރާއީލުގެ ސިފައިން ވަނީ 2022 ވަނަ އަހަރުން ފެށިގެން ކުޑަ ކުދިން ހައްޔަރުކުރުން އިތުރު ކޮށްފައެވެ. ހަމޮކޭޑުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ކުޑަކުދިން ދަންވަރު ގޭގެއަށް ވަދެ ސިފައިން ޝިކާރަ ކުރަމުން ދަނީ ވޮރެންޓަކާވެސް ނުލައެވެ. އަދި ބައެއް ފަހަރު އެތައް ކުދިން އާއިލާއަށް ގެއްލިގެން އެތައް ދުވަހެއް ވާފަހުން އެމީހުން ހައްޔަރުކޮށްފައިވާ ކަން އާއިލާއަށް އެނގޭ ކަމަށެވެ.

ޔަހޫދީން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ފުރާވަރުގެ އެތައް ސަތޭކަ ކުދިން ހައްޔަރުކޮށް ޔަހޫދީ ސިފައިން އެކުދިންނާއެކު ތަހުގީގު ކުރަމުންދާކަމަށް އެ ޖަމުއިއްޔާއިން ބުނފައި ވެއެވެ.

ޔަހޫދީ ސިފައިން ހައްޔަރުކުރާ ކުޑަކުދިންގެ މައްޗަށް އުފުލާ ދައުވާތަކުގެ ތެރޭގައި ހުއްދައެއް ނެތި އިސްރާއީލުގެ ސަރަހައްދުގައި އުޅުމާއި މީހުން މެރުމާއި މޮލޮޓޯވް ކޮކްޓެއިލްއިން ޔަހޫދީ އުދުވާނީ ސިފައިންނަށް ހަމަލަތައް ދިނުމުގެ ދައުވާތައް ހިމެނޭކަމަށް ބުނެފައި ވެއެވެ.

ހަމޮކޭޑް ޖަމުއިއްޔާއަށް މައުލޫމާތު ދިން ބައެއް ފުރާވަރުގެ ކުދިން ބުނާ ގޮތުގައި އެމީހުން ހައްޔަރުކުރީ އަވަށްޓެރިން ނުވަތަ އާއިލާގެ މެމްބަރުންނާ ބެހޭ މައުލޫމާތު ގަދަކަމުން ހޯދުމަށްކަމަށެވެ.

ޔަހޫދީ ސިފައިން ކުޑަކުދިންގެ ތެރޭން ގިނަ ކުދިން ހައްޔަރުކޮށްގެން ގެންދަނީ މެންދަމުން އަނބުރާފަހުން ކަމަށް ހަމޮކޭޑުން ބުނެ އެވެ. ޔަހޫދީ ސިފައިން ގެންދާ ކުޑަކުދިންގެ ތެރޭގައި އުމުރުން 14 އަހަރުން ދަށުގެ ކުދިން ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ. އެކުދިން ހައްޔަރު ކޮށްގެން ގެންގުޅޭ އިރު ފެނާއި ކާނާއާއި ފާޚާނާ ބޭނުން ކުރުމަށްވެސް ހުރަސް އަޅާކަމަށް ބުނެއެވެ.

އެކުދިންނާއެކު ތަހުގީގު ކުރާއިރު ހަތް ގަޑިއިރަށް ވުރެން ގިނަ އިރުވަންދެން ތަހުގީގުގައި ބައިންދާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ބައެއް ފަހަރަށް އަނިޔާކޮށް ތަޅައި ހަދާކަމަށްވެސް ބައެއް ކުދިން ކިޔައިދީފައި ވެއެވެ.

ހަމޮކޭޑް ޖަމުއިއްޔާއަށް މައުލޫމާތު ދިން ޔަހޫދީ ސިފައިން ބުނެފައި ވަނީ ރޭގަނޑު ދަންވަރު ގޭގެއަށް ރޭޑް ކުރާއިރު ކުޑަކުދިން ހައްޔަރު ކުރުމުގެ ގާނޫނީ ބާރު ޔަހޫދީ ސިފައިންނަށް ލިބިގެންވާކަމަށެވެ.

ގާނޫނީ ވަކީލުން ބުނާ ގޮތުގައި މިއީ ޒަޔަނިސްޓް ދައުލަތުން ވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފްއަމަލެކެވެ.

ހަމޮކޭޑުން ޓްރެކްކުރި ގާތްގަނޑަކަށް 300 މައްސަލައިގައި ކުޑަކުދިންގެ އެއްވެސް އާއިލާއަކަށް ކުރިން ޗިޓެއް ލިބިފައެއް ނުވެއެވެ.