ޓެސްލާ ބެޓެރި ކާރު އުފައްދާ ކުންފުނީގެ ބޮޑު މީހާ އީލޮން މަސްކު ބުނީ ލިތިއަމް މާއްދާއަކީ މުސްތަގްބަލުގެ ތެޔޮ ކަމަށެވެ. ދުނިޔޭގައި ލިތިއަމް ނަގައިގެން ޕްރޮސެސްކޮށް އެއިން ވިޔަފާރި ކުރާ އެންމެ ކުރީގައި އުޅޭ ގައުމަކީ ޗައިނާއެވެ.
އެމެރިކާގެ ރައީސް އޮބާމާ ކުރީގެ އޮސްޓްރޭލިއާ ބޮޑު ވަޒީރަށް ވިދާޅުވީ ޗައިނާއަށް ލިތިއަމް ވިއްކުން ހުއްޓާލާށެވެ. ނަމަވެސް އޮސްޓްރޭލިއާގެ އެއިރުގެ ވެރިން ވިދާޅުވީ އޮބާމާ ބޯ ސަކަރާތް ވެފައި ހުންނެވީ ކަމަށެވެ. އެއިރުގެ ބޮޑު ވަޒީރު ޓޯނީ އެބޮޓް ސިފަ ކުރެއްވީ އޮބާމާ ހޮޅިވާހަކަ ދައްކަވަނީ ކަމަށެވެ.
ލިތިއަމް އަކީ ހުރިހައި ޒާތެއްގެ އިލެކްޓްރޯނިކް އާލާތެއްގައިއާއި ބެޓެރީގައި ބޭނުން ކުރާ އަސާސީ މާއްދާއެކެވެ.
އޮސްޓްރޭލިއާއާއި ޗައިނާގެ ކޯޅުން ވަނީ ސަރަހައްދީ ކޯޅުމަކަށާއި ސަލާމަތީ ނުތަނަވަސް ކަމަކަށް ބަދަލުވެފައެވެ. އޮސްޓްރޭލިއާ ވެރިންގެ މިހާރުގެ ވިސްނުމަކީ ޗައިނާއަށް ލިތިއަމް ވިއްކުން މަނާކުރުމުގެ ވިސްނުމެކެވެ.
އޮސްޓްރޭލިއާއިން އެކްސްޕޯޓް ކުރާ ލިތިއަމްގެ 95 ޕަސެންޓް ގޮސް ވަންނަނީ ޗައިނާއަށެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބުނެފައި ވަނީ އޮސްޓްރޭލިއާގެ ރޯ މާއްދާތައް ބަދަލު ވާން ޖެހޭނީ އޮސްޓްރޭލިއާގެ ރައްޓެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މާއްދާއަކަށް ކަމަށެވެ. ރުޅިވެރިކަމާއެކު އެވާހަކައަށް ރައްދު ދެމުން ޗައިނާ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެއްވެސް ގައުމަކުން އިގްތިސާދު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
މި ދެގައުމުގެ ކޯޅުން ސަރަހައްދުގައި އެންމެ ބޮޑަށް ފާހަގަ ވަނީ ސޮލަމަން އައިލެންޑްސްއިން ނެވެ. ދެގައުމުންވެސް ސޮލަމަން ސިފައިންނާއި ފުލުހުންނަށް ސާމާނު ދެނީ އެއްބަޔަކު އަނެއް ބަޔަކަށް ވާދައަށެވެ. ސޮލަމަންގެ ރައީސް މަނާސޭ ސޮގަވަރްނޭ ވަނީ ޗައިނާއާއެކު ސިއްރު ސަލާމަތީ އެއްބަސްވުމެއް އެކުލަވާލާފައެވެ.
ޗައިނާއިން ސޮލަމަން ސިފައިންނަށް ދީފައި ވަނީ ފެނަ ބައްޑާ ހަރުކުރި ދެ ލޮރިއާއި 30 ސައިކަލާއި 20 އެސްޔޫވީ އެވެ. މިއީ އޭގެ ދެދުވަސް ކުރިން އޮސްޓްރޭލިއާއިން ދިން 60 ސެމި އޮޓޮމެޓިކް ރައިފަލްއާއި 13 އުޅަނދުގެ ވާދައަށް ޗައިނާއިން ދިން ސާމާނުތަކެވެ.
މިއަން އަހަރަކީ ސޮލަމަންއަށް މުހިންމު އަހަރެކެވެ.އެއީ މިއަހަރު ބާއްވަން އޮތް އާންމު އިންތިޚާބު ސޮގަރަވްނޭ ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އަދި ޕެސިފިކް ގޭމްސްވެސް އޮންނާނީ އަންނަ އަހަރުގައެވެ.
ސޮލަމަން އަކީ ކުރިން ޓައިވާނާއެކު ސިޔާސީ ގުޅުން ބާއްވަމުން ގެންދިޔަ ގައުމެކެވެ. ނަމަވެސް ތައިވާނާ ގުޅުން ކަނޑާލާ ކޮމިއުނިސްޓް ޗައިނާއާ ގުޅުން ގާއިމް ކުރުމާ ގުޅިގެން ސިޔާސީ ލީޑަރުންގެ އަތްމަތި ތިޔާގި ވުމުން އެއާއެކު ސަރަހައްދުގެ ހަމަޖެހުމުގެ ހަމަހަމަކަންވެސް ގެއްލި ދިޔައީއެވެ.