ތުރުކީވިލާތުން ޔޫގަންޑާގައި ރޭލްވޭއެއް ބިނާ ކުރުމަށް އެއްބަސްވެއްޖެއެވެ. މިއީ ކުރިން ޗައިނާ ހާބާރ އިންޖިނިއަރިން ކޮމްޕެނީން އަޅަން އުޅުނު ރޭލްވޭއެވެ. 2.2 ބިލިއަން ޑޮލަރުގެ މި ކޮންޓްރެކްޓް ޗައިނާ ކުންފުނިން ނަގައި ތުރުކީ ކުންފުންޏާ ހަވާލު ކުރީ ޗައިނާގެ ލޯނުތަކާ ގުޅިގެން ދަރަނިތައް ބޮޑުވާ ހާލު ޗައިނާއިން އެސެޓްތަކަށް ބާރު ފޯރުވުމާ ގުޅިގެންނެވެ.

ތުރުކީގެ ސަރުކާރު ޓީވީ ޓީއާރުޓީ ވޯލްޑުން ބުނީ އެ ކޮންޓްރެކްޓްގައި ތުރުކީގެ ކުންފުނިމް ޔޫގަންޑާއާއެކު ފަހުމުނާމާގައި ސޮއިކޮށްފައިވާ ކަމަށެވެ.

ތުރުކީގެ ބްރޯދްކާސްޓަރު ބުނިގޮތުގައި ޗައިނާއާއެކު ހަމަޖައްސާފައި އޮތް ކޮންތްރެކްޓް ބާޠިލު ކުރީ ޔޫގަންޑާގެ އެޓާނީ ޖެނެރަލް އެ އެއްބަސްވުން މުރާޖައާ ކުރުމަށް ފަހުގައެވެ. ބެލެވޭ ގޮތުގައި މައްސަލަ ޖެހުނު ޕޮއިންޓަކީ ޗައިނާއިން އެ މަޝްރޫއަށް ފައިސާ ހަމަޖައްސައި ނުދީ އަދި ޚަބަރެއް ނުވެ އަހަރަކަށް ވުރެން ގިނަ ދުވަސް ވުމެވެ.

ޗައިނާއާއި ޔޫގަންޑާއާ ދެމެދު މީގެ ކުރިންވެސް މައްސަލައެއް ފެންމަތިވިއެވެ. އެންމެ އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮންނަ ގުދުރަތީ މައުދަންގެ މުއްސަނދި ޔޫގަންޑާގެ ކެމްޕާލާ އެއަރޕޯޓްގެ ބައެއް ޗައިނާ ކުންފުންޏަކުން ތަރައްގީ ކުރިއިރު އެއްބަސްވުމުގައި ހުރި ބައެއް މާއްދާތައް ތިލަ ވުމުން މީޑިއާގައި މައްސަލައަކަށ ވެގެން ދިޔައެވެ. އޭގައިވާ ގޮތުން އެއަރޕޯޓަށް ވަންނަ ހުރިހައި ފައިސާއެއް ވަންނަނީ ޗައިނާގެ ކުންފުނިން ކޮންތްރޯލު ކުރާ ކުންފުންޏަކަށެވެ. އަދި ޔޫގަންޑާ ސަރުކާރަށް ރެވެނިއު ލިބެނީ އެއަރޕޯޓް ޑިވެލޮޕްކުރުމަށް ދިޔަ ހޭދައިން ޗައިނާ ކުންފުންޏަށް ލިބެންވާ ފައިސާ ކެނޑުމަށް ފަހުއެވެ.

ހަމަ އެދުވަސްވަރު ކެންޔާގެ ނައިރޯބީ އާއި މޮމްބާސާއާ ދެމެދު ޗައިނާއިން ހެދި ރޭލްވޭގެ މައްސަލަވެސް ފެންމަތިވިއެވެ. ކެންޔާއިން ބުނަނީ ޗައިނާއަށް ދައްކާވަރަށް 5 ބިލިއަން ޑޮލަރުގެ ރޭލްވޭއިން އާމްދަނީއެއް ނުވަންނަ ކަމަށާއި ލޯނު ކުދަ ކޮށް މުއްދަތު ފަސްކޮށް ދިނުމަށެވެ.