އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ އަގުވަޒަން ކުރައްވައި، ދަތި އުނދަގޫ ހާލަތްތަކުގައި އަބަދުވެސް ޜާއްޖެއަށް އެހީދޭ ފުރަތަމަ ގައުމަކީ އިންޑިއާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު،

ވިދާޅުވެއެވެ.

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖަޔަޝަންކަރާއެކު އެކި ދާއިރާތަކާ ގުޅޭ ގޮތުން އެއްބަސްވުންތައް ބަދަލުކުރުމަށް ފަހު ދެއްވި ބަޔާނުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގެ ތިޔާގިކަމަށް އެހީތެރިވެދޭ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ އަގުވަޒަން ކުރައްވާ ކަމަށެވެ.

މިނިސްޓަރ ޖައިޝަންކަރު މިއަދު ނ. މާފަރަށް ވަޑައިގަތުމުން ރާއްޖެއިން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޯވިޑް ޕެންޑެމިކްގެ ތެރޭގައި އިންޑިއާއިން ވެދިން އެހީތަކާއި އިންޑިއާގެ އިންފްރާސްޓްރަކްޗަރ ސަޕޯޓްގެ އެހީތައް ފާހަގަކުރައްވާފައެވެ. އަދި ކޯވިޑްގެ ތެރޭގައި ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހާއި ކާނާއާއި ޒަރޫރީ ބޭނުމަށް ދަތުރުފަތުރާއި އެނޫންވެސް އެތައް އެހީތަކެއް ވެދިންކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާގެ މިނިސްޓަރ ޖައިޝަންކަރު، ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ދެގައުމުން ގުޅިގެން ކުރިއަށް ގެންދާ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް މުރާޖައާކޮށްފައިވާ ކަމަށާއި އެންމެ އިންތިޒާރު ކުރެވޭ އެއް މަޝްރޫއަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއު ކަމުގައި ވިދާޅުވިއެވެ.

އަދި ގްރޭޓާ މެލް ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ސަބަބުން 'އިގްތިސާދީ ކޯރިޑޯއަކަށް' ވެގެންދާނެ ކަމަށް ފާހަގަކުރެއްވި އެވެ. އަދި އައްޑޫ ގަން އެއަރޕޯޓް ޕްރޮޖެކްޓާއި ގުޅީ ފަޅު ޕޯޓްޕްރޮޖެކްޓްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރާއްޖެއަކީ އިންޑިއަން އޯޝަން ރީޖަންގައި އިންޑިއާގެ މުހިއްމު އަވަށްޓެރިއެއް ކަމަށާއި އިންޑިއާގެ ނެއިބަރހުޑް ފަސްޓް ޕޮލިސީގައި ވެސް ރާއްޖެއަށް ޚާއްސަ ޖާގައެއް އޮންނަ ގައުމެއް ކަމުގައި ޖަޔަޝަންކަރު ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގައި ހުރިހާ ދާއިރާއަކުން ވެސް މި ޕާޓްނަޝިޕް ވަނީ ހަލުވިކަމާއެކު ކުރިއަރާފައި ކަމުގައި ވިދާޅުވިއެވެ.