ހަނިމާދޫގައި ޒަމާނީ ފެންވަރުގެ ބޮޑު އިންޓަރނޭޝަނަލް އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ރޭ ފަށައިފިއެވެ. ހަނިމާދޫ އެއާޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒު މިނިސްޓަރ ޑރ. ޖަޔަޝަންކަރެވެ.

މި މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް އާ ހަވާލުކޮށްގެންނެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތަށް ބޭނުންވާ ފައިސާ ވެސް ވަނީ ހަމަޖެހިފައި ކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ. އެ އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ އައު ރަންވޭއެއް އަޅާނެއެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުފަހަރަށް ޖެއްސޭނޭ ރަންވޭއެކެވެ.

ރޭގެ ރަސްމިއްޔާތުގައ ރައީސް ސާލިހު ވިދާޅުވީ އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ޓަރމިނަލެއްވެެސް އެއާޕޯޓުގައި ތަރައްގީ ކުރާނޭ ކަމަށެވެ. އޭގެއިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އެއްވެސް ތަރައްގީކުރާނެއެވެ. މިމަސައްކަތް އިންޑިއާ ކުންފުންޏާ ހަވާލުކޮށްފައިވަނީ ދެ އަހަރުތެރޭގައި ނިންމާ ގޮތަށެވެ. މި އެއާޕޯޓު ތަރައްގީކޮށް ނިމުމުން ދުނިޔޭގެ ހުރިހާ ހިސާބަކުން އަންނަ ބޯޓުފަަހަރަށް އެތަނުގައި ޖެއްސޭނެއެވެ.