މިއަހަރު އިންޑިއާގައި ފެނުން ދުއްވާ ލޮރި ތައާރާފް ކުރާނެއެވެ. ހައިޑްރަޖަން ހަކަތަ ބޭނުން ކޮށްގެން ދުއްވާ ލޮރި އުފެއް ދުމަށް އޭޝިއާގެ އެންމެ މުއްސަނދި މީހާ ގައުތަމް އަދާނީ ވަނީ އިންޑިއާގެ ކުންފުންޏަކާއި ކެނެޑާގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާފައެވެ.

މައުދަން ނެގުމާއި ބަރު ސާމާނު އުފުލުމުގެ ދާއިރާގައި ބޭނުން ކުރާ މި ލޮރި އުފައްދާނީ އިންޑިއާގެ އަޝޮކް ލޭލެންޑުންނެވެ. އޭގައި ބޭނުން ކުރާ ފެނުން ހަކަތައަށް ބަދަލުކޮށްދޭ އިންޖީނު އުފައްދާނީ ކެނެޑާގެ ބެލާރޑް ޕަވަރ އިންނެވެ.

ހައިޑްރޮޖަން ހަކަތަ އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން 2.11 ބިލިއަން ޑޮލަރު ހޭދަ ކުރުމަށް ނިންމާފައި ވެއެވެ. ގައުތަމް އަދަނީގެ ކުންފުނިން ވަނީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ހައިޑްރޮޖަންއިން ހަކަތަ އުފެއްދުމަށް 50 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައެވެ.

އަދަނީއާއި އަޝޮކް ލޭލެންޑާއި ބެލާރޑް ޕަވަރއިން އުފައްދާ ލޮރި މިއަހަރު ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވެއެވެ.