ލުބުނާންގައި 11 ވަނަ ފަހަރަށް ވޯޓު ލައިގެންވެސް ރައީސަކު އިންތިޚާބެއް ނުކުރެވުނެވެ. އެންމެ ފަހުން ބުރާސްފަތި ދުވަހު ބޭއްވި ވޯޓު ކުމުގައިވެސް ލެބާނީޒް ފޯސަސް ޕާޓީގެ މިޝޭލް މުޢައްވަޟްއަށް ލިބުނީ 34 ވޯޓެވެ. ޕާލަމެންޓުގެ ގިނަ މެމްބަރުން ވަނީ ހުސް ކަރުދާސް ވޮޓު ފޮށްޓަށް އަޅާފައެވެ.

128 މެމްބަރުންގެ ޕާލަމެންޓްގެ ޖަލްސާއަށް 111 މެމްބަރުން ހާޒިރު ވިއެވެ.

މިދިޔަ އަހަރުގެ 31 އޮކްޓޯބަރުން ފެށިގެން ލުބުނާންގައި ރައީސަކު ނެތެވެ.

ލުބުނާންގައި ބޮޑު ވަޒީރަކުވެސް ނެތެވެ. ލުބުނާންގެ ބޮޑު ވަޒީރުގެ މަގާމު ފުރުއްވަނީ ނަޖީބު މީޤާތީއެވެ. އޭނާއާ ކެބިނެޓް މެމްބަރުންނަށްވެސް ޕާލަމެންޓުން ރުހުން ދީފައެއް ނުވެއެވެ. މެއި މަހުން ފެށިގެން މީޤާތީވެސް ގެންދަވަނީ ސަރުކާރު ހިންގޭތޯ މަސައްކަތް ކުރައްވަމުންނެވެ.

ބައިބައި ވުން ބޮޑު ލުބުނާނަކީ ބަރުލަމާނީ ނިޒާމަށް ހިންގާ ހަމައެކަނި އަރަބި ގައުމެވެ.