ރަޝިޔާއިން އިންޑިއާއަށް ދަތުރުކުރި އަޒޫރް އެއާގެ ފްލައިޓެއްގައި ބޮމެއް އޮތް ކަމަށް. އީމެއިލް މެދުވެރިކޮށް އިންޒާރު ދިނުމާ ގުޅިގެން އުޒްބެކިސްތާނަށް ޑައިވަރޓްކޮށްފިއެވެ. މި ފްލައިޓުގައި ތުއްތު ދެ ކުދިންނާއި ހަތް ފަޅުވެރިންނާއެކު 238 ފަސިންޖަރުން ތިއްބެވެ.

ބޮމުގެ އިންޒާރު ގޯއާ އެއާޕޯޓުގެ ޑިރެކްޓަރަށް ލިބުނީ އިއްޔެ ހެނދުނު 12:30 ހާއިރު އެވެ. އިންޑިއާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން މަތިންދާބޯޓު ޑައިވަރޓްކޮށްލި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން ހިނގި އެފަދަ ހާދިސާއަކީ ޖެނުއަރީ 10 ވަނަ ދުވަހު ގުޖުރާތުގެ ޖާމްނަގަރު އިންޑިއަން އެއާފޯސް ބޭސްގައި ކުއްލި ގޮތަކަށް ޖެއްސި މޮސްކޯއިން ގޯއާއަށް ދަތުރުކުރި އަޒޫރް އެއާގެ ފްލައިޓެކެވެ. އެއަށްވެސް މިފަދަ ބޮމުގެ އިންޒާރެއް ދީފައި އޮތެވެ. ފާސް ކުރުމަށްފަހުއެ އިންޒާރަކީ ދޮގެއް ކަމަށް ބެލެވުނެވެ.