އަރަބި އަދި އިސްލާމީ ރިއެކްޝަންތަކުން ކީރިތި ޤުރުއާން އަންދާލުމަށް ސުއިޑްންގެ ކަމާބެހޭ ފަރާތްތަކުން ދިން ހުއްދަ ކުށްވެރިކޮށް، ސައޫދީ އަރަބިއްޔާއާއާއި ތުރުކީއާއެކު އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކޮށްފިއެވެ. ޑެންމާކުގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ކަނާތުފިޔައިގެ ލީޑަރު ރަސްމަސް ޕަލޫޑާން، ތުރުކީގެ އެމްބަސީ ކުރިމަތީގައި ﷲގެ ކަލާމްފުޅު އިއްޔެ އަންދާލައިފިއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވަނީ ސްވިޑެންގައި ހިންގފައިވާ އެ ޖަރީމާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެއީ މުސްލިމުންނަށް އިހާނެތިކޮށް ހިތައި އެމީހުން ރުޅިއަރުވާލުމުގެ އަމަލެއްކަމަށްވެސް ބުންޏެވެ. މި އަމަލަކީ އިސްލާމޯފޯބިއާ އަށަގެންފައިވާ ބިރުވެރި މިންވަރު ދައްކައިދ މިސާލެއް ކަމަށާއި، މި ނަފްރަތުގެ ޖަރީމާ ހިންގި މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސްވިޑެންގެ ކަމާބެހޭ ފަރާތްތަކަށް އެ ޖަމުއިއްޔާއިން ގޮވާލައިފައިވެއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން ވަނީ މަޝްވަރާއާއި ކެތްތެރިވުމާއި އެއްތަނެއްގައި އެއްމެން އެކުގައި އުޅުމުގެ އިންސާނީ އަގުތައް ހިފަހައްޓައި ނަފްރަތާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގެ މުހިންމުކަމަށް ގޮވާލާފައެވެ.

ކުވައިތުގެ ފޮރިން މިނިސްޓަރު ޝައިޚް ސާލިމް އަބްދުﷲ އަލްޖާބިރު އަލް ސަބާހު ވެސް ވަނީ ސްވިޑެންގައި ﷲގެ ކަލާމްފުޅު އަންދާލުމުން ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރު ހިންގި ޖަރީމާ ކުށްވެރި ކުރައްވާފަ އެވެ. މިނިސްޓަރު އިންޒާރު ދެއްވި ގޮތުގައި، އެފަދަ ހާދިސާތަކަކީ ދުނިޔޭގެ މުސްލިމުންގެ އިހުސާސްތައް ކައްކުވލާ، އެމީހުންގެ މެދުގައި ރުޅިވެރިކަމެއް ފެށުމަށް ހިތްވަރުދޭ ކަމަކަށް ވެދާނެ ކަމަށެވެ.

ކުވައިތުގެ މިނިސްޓަރު ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލެއްވީ "އެފަދަ ބަލައިނުގަނެވޭ އަމަލުތައް ހުއްޓުވުމުގެ ޒިންމާ އުފުލައި، ހުރިހާ ގޮތަކުން ނަފްރަތާއި ހަރުކަށި ފިކުރު ކުށްވެރިކޮށް އެއަމަލު ހިންގާ މީހުން ޖަވާބުދާރީ ކުރުވުމަށެވެ."

އުރުދުންގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވަނީ ސުއިޑްންގައި ހިންގި ޖަރީމާ ކުށްވެރިކޮށްފަ އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ މި ޖަރީމާ ވަރަށް ބޮޑަށް ކުށްވެރިކޮށް، އިސްލާމް ދީނާ ދެކޮޅު މި އަމަލަކީ ހުއްދަ ނޫން އަދި މުސްލިމުން ރުޅިއަރުވާލާ ޚިޔާލު ފާޅުކުރުމުގެ އެއްވެސް ޝަރުއީ ހައްގެއް އޮތް މިންވަރެއް ނޫން ކަމަށް ބުނެފަ އެވެ.

ތުރުކީން ވަނީ ސްވިޑެންގައި ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާލުމަކީ "ނަފްރަތުގެ ޖަރީމާއެއް" ކަމަށް ގިންތިކޮށްފައެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނިވާފަތްގަނޑުގައި ހިންގާ ހަރުކަށި އަމަލުތައް ކުށްވެރިކޮށްފަ އެވެ. ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ނަފްރަތު އުފެދޭ އަމަލަކީ އިސްލާމްދީނާ ދެކޮޅު ފިކުރުގެ ބިރުވެރި މިންވަރާއި ޔޫރަޕްގައި ނަސްލީ ތަފާތުކުރުމާއި އެފަދަ ކަންކަމުގައި އެމީހުންގެ ދައުރު އޮތް މިންވަރުގެ އާ އިޝާރާތެއް ކަމަށެވެ. އަދި ހުރިހާ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންވެސް، އެއްބައިވަންތަކަމާއެކު، އިސްލާމޯފޯބިއާއާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ތުރުކީން ގޮވާލާފައިވެއެވެ.

ސްވިޑެންގެ ފޮރިން މިނިސްޓަރު ޓޮބިއަސް ބިލްސްޓްރޮމް މީގެ ކުރިން ވަނީ އިސްލާމްދީނާ ދެކޮޅަށް ހިންގާ އަމަލުތަކަކީ "ބިރުވެރި" އަމަލުތަކެއް ކަމަށް ސިފަކުރައްވައިފައެވެ. އަދި އެކަން ކުށްވެރި ކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނާ ދެކޮޅު ޕްރޮވޮކޭޝަންތަކަކީ ބިރުވެރި ޕްރޮވޮކޭޝަންތަކެއް. ސްވިޑެންގައި ޚިޔާލުފާޅުކުރުމުގެ ވަރަށް ބޮޑު މިނިވަންކަމެއް އޮތް ނަމަވެސް އޭގެ މާނައަކީ ސްވިޑެން ސަރުކާރުން ނުވަތަ އޭނާއަމިއްލައަށްވެސް އެފަދަ އަމަލުތަކަށް ރުހިގެން ތިބެނީ ނޫން ކަމަށެވެ.