ހުޅަނގުގެ ލާދީނީ މުޖުތަމައެއްގައި ފާޅުކަން ބޮޑު ގޮތެއްގައި ފުލުހުންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔާގެ ސިޔާސީ ލީޑަރަކު ކީރިތި ޤުރުއާން އަންދާލުމުން މީހަކު ހައިރާން ވާކަށް ނުޖެހެއެވެ! ހިތާމަކުރަންވީ އެމީހަކު އުފެއްދި މުޖުތަމައަށެވެ. ތައުޒިޔާ ކިޔަންވީ ފަނޑުވެމުން ފޮހެވެމުންދާ، އެމީހެއްގެ ނަސާރާ އަގީދާއަށެވެ. އިސްލާމޯފޯބިއާއަކީ މިހާރުގެ އާންމު ބަހެކެވެ. އދގެ އާންމު މަޖިލީހުގައިވެސް އިސްލާމޯފޯބިއާ ކުށްވެރިކުރުމަށް ބަހުސް ކުރެވުނެވެ.

ޙަޟާރާތަކުގެ މެދުގައި ކޯޅޭނެ ކަމަށް ފޮތް ލިޔުނު ސެމުއެލް ހަންޓިގްޓަން ވަނީ ފިނިހަނގުރާމައާއެކު ކޮމިއުނިޒަމް އުވި ދިއުމުން ހުޅަނގުގެ އެއް ނަންބަރު ދުޝްމަނަކަށްވާނީ އިސްލާމްދީން ކަމަށް ބުނެފައެވެ. އޭނާ އެނަތީޖާއަށް އައިސްފައިވަނ ސަބަބެއް ނެތިއެއް ނޫނެވެ. ނަސާރާ ދީނީ އަގީދާ މީހުންގެ ހިތްތަކުން ފޮހެވި، އީސާ ނުވަތަ ޖީސަސް ކްރައިސްޓަކީ ކަލަކުކަން ގަބޫލުނުކުރާ، ފައްޅިތައް ޑިސްކޯއާއި ކެސިނޯތަކަށް ބަދަލުކުރުން ހުއްދަކޮށް އެތަންތަން ވިއްކާ ބަޔެއްގެ އެއް ނަންބަރު ވާދަވެރިއާއަށް އިސްލާމް ދީނު ވެގެން ދިއުމަކީ ސިއްރަކަށް ނުވާނެއެވެ. ހަންޓިންގޓަން ބުނެފައި ވަނީ ނަސާރާ ދީން ފޮހެވި ހުޅަނގުގައި އިލްމާނިއްޔަތަށް ޖާގަ ލިބޭނެ ކަމަށެވެ. އެއާއެކު އިތުރު އިސްލާމް ދީން ގަބޫލުކުރާ މީހުން އިތުރުވާނެ ކަމަށެވެ.

މިދިޔަ އަހަރު ޕިއު ސެންޓަރުން ޝާއިއު ކުރި ދިރާސާއަކުން ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނަށް ބަދަލުވާ މީހުންގެ އަދަދު ކުރިއަށް އޮތް ވިހި އަހަރު ތެރޭގައި ނަޞާރާއިންގެ އަދަދާ އެއްވަރުވާނެއެވެ. 20 ވަނަ ގަރުނުގެ ކުރީކޮޅު ނަޞާރާއިންގެ އަދަދު އުޅުނީ ގާތްގަނޑަކަށް 560 މިލިއަން ގައެވެ. އެއިރު، މުސްލިމުންގެ އަދަދު އުޅުނީ 200 މިލިއަން ގައެވެ.

ހުޅަނގަށް އީސާއީ ދީނަކީވެސް ބީރައްްޓެހި އެއްޗެކެވެ. އެމީހުން ވަނީ އެދީން އެމީހުންގެ ބުދަށް އަޅުކަން ކުރި ދީނާ އެއްގޮތަށް ބަދަލުކޮށްފައެވެ. ހުޅަނގުގެ ދޮން މީހާ އަދިވެސް އެނބުރެމުން ސެނބުރެމުން ދަނީ އެ ހައިރާން ކަންމަތީގައެވެ. 60ގެ އަހަރުތަކުގައި ފެނިގެން ދިޔަ ދީނާ ދެކޮޅުވެރި ޖިންސީ ޣަޒީރާއަށް އިސްކަންދިން ހިއްޕީ ސަގާފަތަކީ އޭގެ ނަތީޖާއެވެ.

ދޮން މީހުނެގެ ދީނީ އަގީދާ ލާދީނީ، އިލްމާނީ، އިލްހާދީ ގޮތްތަކަށް ފުރެޅެމުންދާ ތަން އެންމެ ރަނގަޅަށް ފެންނަމުން ދަނީ އެމެރިކާއިން ނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިދިޔަ ޑިސެމްބަރު މަހު "ކައިވެންޏަށް އިހުތިރާމް ކުރާ ގާނޫނު" ގައި ސޮއިކޮށްފައެވެ. އެއީ، އެއްޖިންސުން ކައިވެނި ކުރުމަށް އިހުތިރާމް ކުރަން މުޖުތަމައަށް ލާޒިމްކޮށްފައިވާ ގާނޫނެކެވެ. އެމެރިކާގައިވެސް ސީނީ އަގީދާ ހީނަރުވެގެންދާ ގޮތް މިއިން ރީއްޗަށް ދައްކައި ދެއެވެ. މިސާލަކަށް މީގެ ވިއްސަކަށް އަހަރު ކުރިން ބައިޑެން ކޮންގްރެސްގެ މެމްބަރަކަށް ހުރިއިރު އެފަދަ ގާނޫނަކަށް ވަކާލާތު ކުރާކަށް ނުކެރުނީހެވެ!

އެމެރިކާގެ މުޖުތަމައަށް އަންނަމުންދާ ބަދަލާ ބެހޭ ގޮތުން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެމެރިކާގެ ޔުނިވާސިޓީ އޮފް ހާޓްފޯޑް ފޯ ރެލިޖަން އިން ދިރާސާއެއް ޝާއިއުކުރިއެވެ. އެއީ އެމެރިކާގައި ދީނީ ޖަމާއަތްތަކުގެ މައްޗަށް ކޮށްފައިވާ އެންމެ ބޮޑު ސާވޭ އެވެ.

މި ދިރާސާގައި 2000 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ދީނީ އަގީދާ ގަބޫލުކުރުމަށް އަންނަ ބަދަލުތަކަށް ބަލާފައި ވެއެވެ. އެ ދިރާސާގައި ގާތްގަނޑަކަށް 80 އަގީދާއަކަށް ނިސްބަތްވާ 15،000 އަށް ވުރެ ގިނަ ދީނީ ޖަމާއަތްތައް ހިމެނިފައިވެ އެވެ. މި ދިރާސާގެ އެންމެ މުހިންމު ނަތީޖާތަކުގެ ތެރޭގައި އެނގިގެންދާ ކަމަކީ، ކުރިއަށް އޮތް ވިހި އަހަރު ތެރޭގައި އެމެރިކާގައި 30 ޕަސެންޓް ދީނީ ޖަމާއަތްތައް އުވިގެންދާނެ ކަމަށެވެ. އޮސްޓްރޭލިއާގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ މިހާރުގެ ޖީލާއެކު އެމެރިކާގެ ތާރީޚުގައި ކްރިސްޓިއަނުން ބައިމަދު ބަޔަކަށް ވެގެންދާނެ ކަމަށެވެ. އަދި 2070 ވަނަ އަހަރު އެމެރިކާގެ އާބާދީގައި ކްރިސްޓިއަނުން ހިމެނޭނީ އެންމެ ތިންބައިކުޅަ އެއްބައި މީހުންގެ ގޮތުގައެވެ. މިހާރު އެމެރިކާގައި ކްރިސްޓިއަނުން ކަމަށް ބުނާ މީހުންގެ އަދަދކީ 50 ޕަސެންޓްކަމަށްވެސް ދައްކައެވެ.

ޔުނިވާސިޓީ އޮފް ކެމްބްރިޖްގެ ނޭޝަނަލް އޮފީސް ފޯ އިކޮނޮމިކް ރިސާޗުން ދާދި ފަހުން ކުރި ދިރާސާއަކުން ދައްކަނީ ބަނގުރާ ބުއިމާއި މަސްތުވާތަކެތީގެ އަވައިގައި ޖެހުމާއި އަދި އަމިއްލައަށް މަރުވުމުގެ އަދަދު އިތުރުވުމުގެ ބޮޑު ސަބަބަކީ ދީނާ ދުރަށް ދިއުމެވެ.

ފްރާންސަކީ އިލްމާނިއްޔަތަށް ބާރުއެޅި ގައުމެކެވެ. އެގައުމުގައި އާންމު މައިދާނެއްގައި ދީނީ ހަރަކާތެއް ހިންގުމަށް 80 ޕަސެންޓް މީހުން ދެކޮޅު ހަދައެވެ.

އިނގިރޭސިވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ކޮންމެ 10 އަހަރަކުން ކުރިއަށް ގެންދާ ބޯހިމެނުމުގެ ނަތީޖާ ޝާއިއުކުރިއިރު، އިނގިރޭސިވިލާތާއި ވޭލްސްގައި ކްރިސްޓިއަނުންގެ ގޮތުގައި އަމިއްލައަށް ލޭބަލްކުރާ މީހުންގެ ނިސްބަތް 46.2 ޕަސެންޓަށް ވުރެ އިތުރެއް ނުވެއެވެ. 2016 ވަނަ އަހަރުގެ ބޯހިމެނުމުގައި ކްރިސްޓިއަނުން ކަމަށް ބުނި މީހުންގެ އަދަދު އުޅުނީ 59.3 ޕަސެންޓްގައެވެ. އިނގިރޭސިވިލާތުގެ ބޯހިމެނުމުގައި އެއްވެސް ދީނަކަށް ނޫޅޭކަމަށް ބުނި މީހުންގެ އަދަދު 37.2 ޕަސެންޓަށް އަރައެވެ. މީގެ ދިހަ އަހަރު ކުރިން އެނިސްބަތް އުޅުނީ 25 ޕަސެންޓްގައެވެ. އަދި އެއިރު މުސްލިމުން ކަމަށް ބުނި މީހުންގެ ނިސްބަތް އުޅުނީ 4.9 ޕަސެންޓްގައެވެ. މިހާރު އެއަދަދު ވަނީ 6.5 ޕަސެންޓަށް އަރާފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގައި ޕިއު ރިސާޗް ސެންޓަރުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގައި ކްރިސްޓިއަން ދީން މަތީގައި ތަރުބިއްޔަތު ކުރި މީހުންގެ ތެރެއިން 31 ޕަސެންޓް މީހުން ވަނީ އުމުރުން 15 އަހަރަށް އެރުމުން ކްރިސްޓިއަން ދީން ދޫކޮށްލާފައެވެ. އަދި އުމުރުން 30 އަހަރުގައި 7 ޕަސެންޓް މީހުން ވަނީ ކްރިސްޓިއަން ދީން ދޫކޮށްލާފައެވެ.

އެމެރިކާގެ ހިލޭ ސާބަހަށ ްމަސައްކަތް ކުރާ ކްރިސްޓިއަން ޖަމިއްޔާ ލިގޮނިއާ މިނިސްޓްރީސް އިން 2020ގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމެއްގައި އެމެރިކާގެ އާބާދީގެ ބޮޑެތި މީހުންގެ 52 ޕަސެންޓް މީހުން ބުނަނީ އީސާގެފާނަކީ ކަލާނގެއެއް ނޫން ކަމަށެވެ. އެމީހުން ދެކެނީ އީސާގެފާނަކީ ނަސާރާއިން ބުނާ ގޮތާ ޚިލާފަށް އެއީ މޮޅު އެދުރެއް ކަމަށެވެ.

ކެނެޑާގައި ވެސް ދީން ދޫކުރާ މީހުންގެ ނިސްބަތް ފެންނަނީ ހަމަ މިފަދަ ގޮތަކަށެވެ. 2001 ވަނަ އަހަރުގެ ސާވޭގައި ކްރިސްޓިއަނުން ކަމަށް 77 ޕަސެންޓް މީހުން ބުނިއިރު، 2011 ވަނަ އަހަރު އެއަދަދު ވަނީ 67 ޕަސެންޓަށް ދަށްވެފައެވެ. އަދި 2021ގައި ކްރިސްޓިއަނުން ކަމަށް ބުނެފައި ވަނީ 53 ޕަސެންޓް މީހުންނެވެ. އަދި އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުންގެ ނިސްބަތް ވަނީ 34.6 ޕަސެންޓަށް އިތުރު ވެފައެވެ.

ކެނެޑާގެ ތާރީޚީ ފައްޅިތައް ސިނަމާ ހޯލުތަކަށާއި ކުޅިވަރު ކްލަބުތަކަށާއި ޑާންސް ހޯލުތަކަށް ބަދަލުވު ކުރަމުންދާތީ އެކަމާ ބެހޭ ދިގު ރިޕޯޓެއް ނިއުޔޯކް ޓައިމްސްގައި 2018 ވަނަ އަހަރުގެ ޖުލައި މަހު ޝާއިއުކުރިއެވެ. އަދި ކެނެޑާގައި މިހާރު ފައްޅިއަށް އާދީއްތަ ދުވަހު ދާމީހުންގެ ނިސްބަތް ވަނީ އެންމެ 5 ޕަސެންޓަށް ދަށްވެފައެވެ. 1950ގެ އަހަރުގެ ތެރޭގައި އާދިއްތަ ދުވަހު ފައްޅިއަށް ދާމީހުންގެ އަދަދު އުޅުނީ 95 ޕަސެންޓްގައެވެ.

ހުޅަނގުގެ ބަދަލުވަމުންދާ ދީނީ މަންޒަރުގައި ތޮބީޢީ ދުޝްމަނަކަށް ވެފައި ވަނީ މީހުން ތެދު މަގު ހޯދަމުންދާ އިސްލާމް ދީނެވެ. އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ!