މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުއަކީ 2.20 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

އެމްޓީސީސީއިން ވިދާޅުވި ގޮތުގައި ދިހަހާސް މީހުންނަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ހދ. ކުޅުދުއްފުއްޓަކީ ހަމައެކަނި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަވެފައިވާ ރަށެއް ނޫނެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ މުޅި ހއ. ހދ. އަދި ށ. މި ތިން އަތޮޅުގައި ދިރިއުޅޭ ހަތްދިހަ ދެހާސް ރައްޔިތުންނަށްވެސް އެކި ޚިދުމަތް ހޯދުމަށާއި، އެހެނިހެން ބޭނުންތަކުގައި އައިސް ހަދައި އުޅުމަށް މުޙިންމު ރަށެކެވެ.

އެގޮތުން އެ ރަށަށް ބޮޑުތިލަދުންމަތީ ރައްޔިތުން އެންމެ ގިނައިން އަންނަ އެއް ބޭނުމަކީ މި ރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްހޯދުމަށް ކަމަށާއި ކުޅުދުއްފުށި ހޮސްޕިޓަލްއަކީ މުޅި ބޮޑު ތިލަދުންމަތީގައިވެސް މިވަގުތު ހަމައެކަނި ހުރި ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ހޮސްޕަޓަލްކަމުން، އެހެން ހޮސްޕިޓަލްތަކުން ނުލިބޭ އެކި އެކި މުޙިންމު ޚިދުމަތް ހޯދުމަށް ބޮޑުތިލަދުންމަތީގެ ވަރަށް ގިނަ ރައްޔިތުން މި ހޮސްޕިޓަލްއަށް ބަރޯސާވާކަމަށް އެމްޓީސީއިން ވިދާޅުވިއެވެ.

އެކުންފުނިން ވިދާޅުވީ ،ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ ސަބަބުން މި ހޮސްޕިޓަލް އިތުރަށް ތަރައްޤީވެ، ބޮޑު ތިލަދުންމަތީގެރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަކެމެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ޤަބޫލްކުރަށްވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 21 ބަލިމީހުން ބަލާ ކޮޓަރި އިމާރާތް ކުރުން
  • 1 ފަރުވާދޭ ކޮޓަރި އިމާރާތް ކުރުން
  • 1 ޕްރޮސީޖަރކޮޓަރި އިމާރާތް ކުރުން
  • 1 ނަރސިންގ ސްޓޭޝަން ހެދުން
  • 6189 އަކަ ފޫޓުގެ ވެއިޓިންގ ލޯންޖެއް ހެދުން
  • 32 ޑިސްޕްލޭ ހުންނަ ކިއު ސިސްޓަމެއް ބެހެއްޓުން
  • އަދި ސީސީޓީވީ ކެމެރާ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.