ޗައިނާއިން ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޗައިނާގައި މަރުވި މީހުންގެ އަދަދު 60 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ވިހެއި އަދަދަށް ވުރެން އިތުރުވެފައިވާ ކަމަށް ދަ ޑިޕްލޮމެޓުން ބުނެއެވެ. ނަމަވެސް ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޑިސެމްބަރު މަހު މަރުވި މީހުންގެ އަދަދު ހާމަކުރަން ދެކޮޅު ހަދާފައެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު ޖުމްލަ 10.41 މިލިއަން މީހުން މަރުވެފައިވާއިރު، އެވްރެޖްކޮށް މަހަކު 867،500 މީހުން މަރުވެފައި އެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން 59،938 މީހުން މަރުވިކަން އިއުލާން ކުރިއިރު، ޗައިނާގައި މީހުން އަންދާ ތަންތަނަށް ކުއްލިއަކަށް ޑިމާންޑް އިތުރު ވެގެން ގޮސްފައިވާ ކަމަށް ބުނާ ރިޕޯޓްތަކާ އެ އަދަދާ ދިމާނުވާ ކަމަށް ދަ ޑިޕްލޮމެޓުން ބުނެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ޗައިނާއިން ކުރިއަށް ގެންދިޔަ ހަރުކަށި ލޮކްޑައުންތަކާއި، ދަތުރުފަތުރު ކުރުން މަނާ ކުރުމަށް އަޅަމުން ދިޔަ ފިޔަވަޅުތައް އުވާލާފައިވަނީ ކުއްލި ގޮތަކަށެވެ. ޖެނުއަރީ 18 ވަނަ ދުވަހު ޝީ ޖިންޕިންގް ވަނީ ޗައިނާ އަލުން ހުޅުވުމާ ގުޅިގެން އިންފެކްޝަންތައް އިތުރވާނެ ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވައިފައެވެ. ޝީ ވިދާޅުވީ އެންމެ ބޮޑ ނުތަނަވަސްކަމަކީ، ޗައިނާގެ ރަށް ފުށުގެ ހިސާބުތަކުގައި ބަލި ފެތުރިގެން ހިނގައިދާނެތީއެވެ. ޗައިނާގައި ކޯވިޑްގެ ކޭސްތައް އިތުރު ވެފައިވާ ކަމަށް ބުނަމުން ދިޔަނަމަވެސް ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ނެޝަނަލް ހެލްތު ކޮމިޝަނުން ވަނީ ދުވަހުން ދުވަހަށް ޑޭޓާ އާންމުކުރުން ހުއްޓާލާފަ އެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުން ފެންނަނީ މަސްއޫލު ފަރާތްތަކުން މަރުވާ މީހުންގެ މަރު ފޯމުގައި ކޯވިޑާ ގުޅުމެއް ނެތްކަމަށް ބަޔާންކޮށް ސޮއިކުރުމަށް ގޮވާލާތަނެވެ. އަދި ސަރުކާރުން އަންގާފައިވާ އެންގުންތަކާއެކު މަރުފޯމްގައި ކޯވިޑްގެ ވހަކަ ލިޔުމަށް ޑޮކްޓަރން ފަސްޖެހޭކަމަށްވެސް ބުނެފައި ވެއެވެ.

ބޭރުގެ މީޑިއާއިންވެސް ވަނީ ސެޓެލައިޓް ފޮޓޯތައް ދައްކައި ޗައިނާގެ މީހުން އަންދާ ގެތަކކުގެ ބޭރުގައި އުޅަނދުތަކުގެ ދިގު ކިއުތަކެއް ހުރި ކަމަށް ޚަބަރު ގެނަސްދީފައެވެ. ގުއަންޒޯގެ އެއް ޖަނާޒާގެ ގެއަކާއި ޝެންޔަންގްގެ އަނެއް ގެއެއްގެ ބޭރުގައި އުޅަނދުތައް މަޑުކޮށްފައި އޮތް މަންޒަރަކީ ވޭތުވެދިޔަ ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ އަދަދަށް ވުރެ މިދިޔަ މަސް ދުވަހުގެ ތެރޭގައި ތޮއްޖެހިފައިވާތަން ފެނނަ މަންޒަރެކެވެ. އޭގެ އިތުރުން މޯޗަރީތަކަށް އޮންނަ ޑިމާންޑް ބޮޑުކަން ސާބިތުކޮށްދޭކަން މުވައްޒަފުންގެ އިންޓަވިއުތަކުން ހާމަވެއެވެ. އަދި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމީހުންގެ މަސައްކަތުގެ ބުރަ ދެގުނަ ނުވަތަ ތިންގުނަ އިތުރުވެފައިވެއެވެ.