ކާބުލްއިން ދަތުރު ކުރަމުން ދިޔަ އދގެ ވަފްދުގެ މަތިންދާބޯޓާ ކައިރިން ޑްރޯން އުދުއްސާފައިވާތީ އިސްލާމްއާބާދު އެއާޕޯޓުގެ މެނޭޖްމަންޓުން ވަނީ ރަންވޭގެ ވަށައިގެން ޑްރޯން ހަރަކާތްތައް މަނާކުރުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ.

ޕާކިސްތާންގެ މީޑިއާގައި މިހާރު ރިޕޯޓް ކުރަމުންދާ މި ހާދިސާ ހިނގާފައި ވަނީ ޖެނުއަރީ 16ގައެވެ.

ޕާކިސްތާން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނާ ގޮތުގައި ޑްރޯން އުދުހިފައި ވަނީ ރަވާލްޕިންޑީގެ ސަރަހައްދަކުންނެވެ. އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޗީފް އޮޕަރޭޓިން އޮފިސަރު ސައީދު އަފްތާބް އަލީ ޝާހް ޖީލާނީ ވިދާޅުވާ ގޮތުގައި މިއީ، މަސްދުވަހުގެ ތެރޭގައި ހިނގާފައިވާ އިސްލާމްއާބާދު އެއަރޕޯޓް ސަރަހައްދުން ވައިގެ ދަތުރުފަތުރަށް ނުރައްކާވި ދެވަނަ ހާދިސާއެވެ.

މީގެ ކުރީގެ ހާދިސާގައި ދުބާއީން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓެއްގެ ޕައިލެޓް ވަނީ ޖެނުއަރީ 8 ވަނަ ދުވަހު އެއާޕޯޓާ ހަ ނޯޓިކަލް މީޓަރު ދުރުގައި ރަންވޭއަށް ޖައްސަން ދިޔައިރު އިރު ފެހި ލޭޒަރ ލައިޓެއް އެ ބޯޓާ ދިމާއަށް އަޅުވާފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

އިސްލާމްއާބާދު އެއާޕޯޓްގެ ސީއޯއޯ ވިދާޅުވީ ޑްރޯންތަކުން މަތިންދާބޯޓާ މުޑިއަރާފާނެ ކަމުގެ ނުރައްކާ އޮތް ކަމަށާއި އަދި ސަވައިލެންސް ގެޖެޓް ބޭނުން ކޮށްގެން ނޫނީ ގޮވާއެއްޗެއް ބޭނުން ކޮށްގެން ބޯޓަށް ހަމަލަ ދެވިދާނެކަމުގެ ކަން ބޮޑުވުންތައް އުފެދޭ ކަމަށެވެ. އޭނާ އެދިވަޑައި ގަތީ ރަންވޭގެ ފައިކަށި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފު ހަރަކާތްތައް ދަނެގަތުމަށް ޕެޓްރޯލް ކުރުމުގެ އޮޕަރޭޝަންތައް އިތުރު ކޮށްދިނުމަށެވެ.

އޭވިއޭޝަންގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ސިވިލް އޭވިއޭޝަންގެ އޮޕަރޭޝަންތަކަށް އެންމެ ނުރައްކާތެރިކަންކަމުގެ ތެރޭގައި ލޭޒަރ ލައިޓާއި ޑްރޯން ހިމެނެ އެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު އިސްލާމްއާބާދުގެ ބަނީގާލާ އާއި ބާރާ ކަހޫ ސަރަހައްދުތަކުން ޑްރޯން ފަދަ ޑިވައިސްއެއް ފެނިގެން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައި ވެއެވެ.