އެޕަލް ކުންފުނީގެ އައިފޯނު އުފެއްދުން ޗައިނާގައި މަދު ކުރުމަށް މަސައްކަތް ކުރަމުންދާއިރު އިންޑިއާގައި އައި ފޯނު އުފެއްދުން އިތުރު ކުރުމަށް ނިންމައިފިއެވެ. މިހާރު އިންޑިއާގައި ތިން ފެކްޓްރީއަކުން އުފައްދާ އައިފޯނުގެ އުފެއްދުން އުޅެނީ ދުނިޔޭގެ ނިސްބަތުން ހަތް ޕަސެންޓްގައެވެ. ނަމަވެސް އިންޑިއާގެ އައިފޯނު އުފެއްދުން 25 ޕަސެންޓަށް އިތުރު ކުރުމަކީ އެޕަލް ކުންފުނީގެ އަމާޒެކެވެ.

ކެލިފޯނިއާގައި ހުންނަ އެޕަލް ކުންފުނިން ވަނީ އިންޑިއާ ސަރުކާރުން ދީފައިވާ ސިނާއީ މަސައްކަތުގެ ހިތްވަރާއެކު 2017 ވަނަ އަހަރުން ފެށިގެން ވިސްޓްރޯން މެދުވެރިކޮށް އަދި ފަހުން ފޮކްސްކޮން މެދުވެރިކޮށް އައި ފޯނު އުފައްދަން ފަށާފައެވެ.

ރޮއިޓާޒް އިން ބުނެފައިވާ ގޮތުގައި ފޮކްސްކޮން އިން އިންޑިއާގައި ހުންނަ އައިފޯން ފެކްޓްރީގެ މުވައްޒަފުންގެ އަދަދު ހަތަރު ގުނައަށް އިތުރު ކުރުމަށް ނިންމާފައި ވެއެވެ.

ޑިސެމްބަރު މަހު އިންޑިއާއިން އެޕަލްގެ އުފެއދުންތައް އެކްސްޕޯޓް ކުރުން ވަނީ އެއް ބިލިއަން ޑޮލަރަށް އަރާފައެވެ.