އިސްލާމްދީނާއި އިސްލާމް ދީނުގެ ރަމުޒުތަކަށް އިހާނެތިކޮށް ހިތުމާ ގުޅިގެން 120 ގައުމެއްގައި ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށް ތުރުކީގެ އިސްލާމީ ކަންތައްތަކާ ބެހޭ ރައީސް ޕްރޮފެސަރ އަލީ އަރްބާޝް އިއުލާން ކުރައްވައިފިއެވެ. އޭނާ ވިދާޅުވި ގޮތިގައި ކީރިތި ޤުރުއާން އަންދާލުމުގެ މައްސަލާގައި މަޝްވަރާ ކުރުމަށް އޮގަނައިޒޭޝަން އޮފް އިސްލާމް ކޮންފަރެންސްގެ އޮންލައިން ކޮންފަރެންސަކަށްވެސް ގޮވާލާފައިވާ ކަމަށެވެ. 120 ގައުމެއްގައި ސުއިޑްންގައި ހިންގާފައިވާ ޖަރީމާ އާ ގުޅިގެން ދައުވާ ކުރުމަށް ގައުމުތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސުއިޑްންގެ ސަރުކާރުގެ ރުހުމާއެކު ހިންގާފައިވާ ސޮލީބީ އަމަލު އދންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި ވިލާތު އިއްތިހާދާއި ޖަރުމަނުންވެސް އެޖަރީމާ ކުށްވެރިކޮށްފައި ވެއެވެ.

ސުއިޑްންގެ ޖަރީމާ ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި ފަނަރަ އަރަބި ޤައުމެއް ހިމެނެއެވެ. އެއީ، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމު ކަމަށްވާ (ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، ކުވައިތު، އޮމާން، އަދި ބަހްރެއިން)އާއި، މިސްރު، އުރުދުން، ފަލަސްތީން، މަޣުރިބު، ލުބުނާން، އިރާގު، އަލްޖަޒާއިރު، ލީބިޔާ، އަދި ސޯމާލިއާއިންނެވެ. އޭގެ އިތުރުން ރާއްޖެއާއި، މެލޭޝިއާ، ޕާކިސްތާން، އަފްޣާނިސްތާން އަދި އީރާނުން ވެސް ވަނީ ވަކިވަކި ރަސްމީ ބަޔާންތަކުގައި އެ ސޮލީބީ ޖަރީމާ ކުށްވެރިކޮށްފައެވެ.

އަދި އޭގެ އިތުރުން، 15 އަރަބި އަދި އިސްލާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންވެސް ވަނީ އެ ޖަރީމާ ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި، އަރަބި ޕާލަމެންޓާއި، އަލްއަޒްހަރާއި ސައުދީ އަރަބިއްޔާގެ އިސް އިލްމުވެރިންގެ މަޖިލީހާއި، ސައުދީ އަރަބިއްޔާގެ އިސް މުފްތީ، ޝައިޚް އަބްދުލް އަޒީޒް ބިން އަބްދުالله އާލުއްޝައިޚްއާއި މުސްލިމް ބްރަދަހުޑް، އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޮލަރސްއާއި މުސްލިމް ވޯލްޑް ލީގާއި، ޣައްޒާގެ ފަލަސްތީނުގެ އިލްމުވެރިންގެ ޖަމިއްޔާއާއި، ފަލަސްތީނުގެ ލިބަރޭޝަން މޫވްމަންޓް (ހަމާސް) އާއި، އިސްލާމިކް ޖިހާދު ހަރަކާތާއި، ލުބުނާނުގެ ހިޒްބުالله އާއި، ޔަމަނުގެ ހޫތީ ޖަމާއަތް ހިމެނެއެވެ.