އެގްރީމެންޓާ ޚިލާފަށް ބޮޑުތަކުރުފާނު މަގުގައި ހިންގަމުން ގެންދާ "ކެފޭ ތާސީރު" އެތަނުން ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

"ކެފޭ ތާސީރު" ގެ ވިޔަފާރި ހުއްޓުވައި އެތަނުން އެ ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރުއޮތުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ދާދިފަހުންވެސް ވަނީ ކެފޭއެއްގެ ބަދިގޭގައި ރޯވެގެން ވަރަށްބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިކަމަށާއި، މީގެ އިތުރުން ދާދި ފަހުން ނީލަން ފިހާރަ ހުރިތަނުގައި ރޯވެ، ކައުންސިލްގެ މުވައްޒަފުންތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް އަނދައިގެންގޮސްފައިވާތީ އެކަން ވެސް މޭޔަރު ވަނީ ހަނދާން ކޮށްދެއްވައިފިއެވެ. އެ ހާދިސާގައިވެސް ގޭސްފުޅި ފަދަ ތަކެތި ގޮވި މަންޒަރު ވަނީ ފެނިގެންގޮސްފައި ކަމަށާއި، ތާސީރު ކެފޭގެ ވާހަކަ މަޝްވަރާކޮށް ގޮތެއް ނިންމަން ބޭނުންވީ މިހުރިހާ ކަމަކާ ގުޅިގެން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިކަމަކީ ޤާނޫނީ ވަރަށް ގިނަ މަރުޙަލާތައް ހިނގާފައިއޮތް ކަމެކެވެ. މޭޔަރު ވިދާޅުވީ އަސްލު މައްސަލައަކީ އެބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދެވިފައިވާތަނެއް ނަމަވެސް އެގްރީމެންޓާއި ޚިލާފްވެ ޕޭ ޓޮއިލެޓް ނުހިންގައިގެން ކައުންސިލުން ކޯޓަށް ގޮސް މައްސަލަ ކައުންސިލާ އެއްކޮޅަށް ވަނީ ނިމިފައިކަމަށެވެ.

ކެފޭ ތާސީރު ހިންގާ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. މި މައްސަލަ މިހާރުވެސް ދަނީ ހައި ކޯޓުގައި ހިނގަމުންނެވެ. މޭޔަރުގެ އިތުރުން ކައުންސިލަރުންވެސް ވަނީ އެ ކެފޭ މިހާރު ހުރިތަނުން ބަދަލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ.