ޖެނުއަރީ 26 ވަނަ ދުވަހު ބާއްވާ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޕެރޭޑުގައި 144 މީހުން ހިމެނޭ މިސްރު ސިފައިންގެ ކޮންޓިންޖެންޓެއް ބައިވެރިވާނެ އެވެ. މިސްރުގެ ސިފައިންގެ ކޮންޓިންޓެންޓުގެ އަސްކަރީ ޕެރޭޑްގެ ޑްރެސް ރިހާސަލްއެއް ދިއްލީގެ ކަރްތާވްޔާ މަގުގައި ކުރިއަށް ގެގޮސްފައި ވެއެވެ.

އިންޑިއާއިން މިއަހަރު 74 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާ ފާހަގަ ކުރާއިރު، ޝަރަފްވެރި މެހުމާނަކަށް ވަޑައިގަންނަވާނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ އެވެ. ރައީސް ސީސީއާއެކު، މަތީ ފެންވަރުގެ ވަފުދެއް ވެސް ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ފަސް މިނިސްޓަރުންނާއި އިތުރު އިސް މަސްއޫލުވެރިން ހިމެނިވަޑައިގަނެއެވެ. ރައީސް ސީސީ ނިއުދިއްލީއަށް ވަޑައިގަންނަވާނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ބުނެފައިވަނީ ރައީސް ސީސީގެ ދަތުރުފުޅުން އިންޑިއާ އާއި މިސްރާ ދެމެދުގެ ރަޙމަތްތެރިކަން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިއަހަރަކީ، ދެގައުމުން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 75 އަހަރު ފުރުން ފާހަގަކުރާ އަހަރެވެ.

ޖީ20 ޖަމާއަތުގެ ރިއާސަތު ބަލަހައްޓާ އިންޑިއާއިން ވަނީ އިންޑިއާގެ ރިޔާސީ ދައުރުގައި ބާއްވާ ޖީ20ގެ ހަރަކާތްތަކުގައި މިސްރަށް 'ގެސްޓް ކަންޓްރީ'ގެ ގޮތުގައި ދައުވަތު ދީފަ އެވެ.