އިޒްރޭލު ސަރުކާރުން ކޯޓުތަކަށް އަތް ބޭނުމަށް ކުރާ މަސައްކަތާ ދެކޮޅަށް ޓެލްއަވީވްގައި މުޒާހަރާތައް ކުރިނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް އިޒްރޭލުގެ ބަންޑާރަ ނާއިބް ބުނެއެވެ. އިޒްރޭލުގެ މުޒާހަރާތައް ވަރުގަދަ ވެގެން ދިއުމުން އިޒްރޭލުގެ ރައީސް ވަނީ ސިޔާސީ ލީޑަރުންނަށް އިންޒާރު ދެއްވާފައެވެ. ހާއިމް ހަރްޒޮގް މިއަދު އިންޒާރު ދެއްވަމުން ވިދާޅުވީ ޖުޑިޝަރީއާ ކުޅެން ހަދައިގެން "އަހަރަމެން އެންމެން ހަލާކުވެގެން ހިނަގި ދާނެ" ކަމަށެވެ.

އަދި އެފަސް މަންޒަރުގައި އިޒްރޭލުގެ ސެންޓްރަލް ބެންކުގެ ގަވަރުނަރުވެސްވަނީ ޑިމޮކްރެސީއަށް ނުރައްކާ ކުރުމުން އިޒްރޭލުގެ އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ މަގާމުން އިސްތިއުފާ ދީފައެވެ.

މި ހުރިހައި ކަމަކާއެކު އިޒްރޭލުގެ އިސްތިއުމާރީ ޔަހޫދީންވެސް ވަނީ ސަރުކާރާ ދެކޮޅަށް އިއްޔެ ހުޅަނގު އައްސޭރީގައި ނިކުމެފައެވެ.

ހުޅަނގު އައްސޭރީގައި ގަދަކަމުން ވަޒަންވެރިކޮށްފައިވާ ޔަހޫދީން އިޒްރޭލު ސަރުކާރާ ދެކޮޅަށް ނިކުތީ އެމީހުންގެ ގެތައް އިޒްރޭލުން ތަޅާލުމާ ގުޅިގެންނެވެ. އެމީހުންގެ މުޒާހަރާތަކަށް ފަހު ނަތަންޔާހޫއާއެކު އިޒްރޭލުގެ ދާޚިލީ ވަޒީރާއި ދިފާއީ ވަޒީރު ވަނީ ބައްދަލުކޮށްފައެވެ. ނަތަންޔާހޫ ފަހުން ބުނެފައި ވަނީ ޔަހޫދީ އިސްރިއުމާރީ ސެޓްލަރުން ދެކޮޅު ހެދިކަމުގައި ވިއަސް އިޒްރޭލުން ފަލަސްތީނު މީހުންނާއި ޔަހޫދީން ހުއްދަ ނުނަގައި ކޮށްފައިވާ ހުރިހައި އިމާރާތެއް ތަޅާލާނެ ކަމަށެވެ.