އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ކުއްލި ދަތުރެއްގައި އައްމާނަށް ދަތުރެއްކޮށް އުރުދުންގެ ޢަބްދުﷲ ފަސްގެފާނުގެ ފައިންޕުޅު ދެކެފިއެވެ.

އުރުދުންގެ ސަރުކާރުން ބުނިގޮތުގައި ޢަބްދުﷲ ރަސްގެފާނު ވަނީ ޙަރަމްފުޅުގެ އެއްވެސް ސަރަހައްދަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް އިޒްރޭލް ބޮޑު ވަޒީރަށް އަންގަވާފައެވެ. މަސްޖިދުލްއަގްސާގެ ހަރިންމައާއި އެ މިސްކިތާ އިންވެގެންވާ ސަރަހައްދުތައް ބަލަހައްޓަނީ ޢަބްދުﷲ ރަސްގެފާނެވެ.

އިސްރާއީލުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ސްޓްރެޓެޖިކް، ސެކިއުރިޓީ، އަދި އިގްތިސާދީ އެއްބާރުލުމާ ބެހޭ މަޝްވަރާތައް ބާއްވާފައި ވެއެވެ.

ފަލަސްތީނުގެ ހުށަހެޅުމަކަށް އާންމު މަޖިލީހުން އެދިގެން ދުނިޔޭގެ ކޯޓުން ވަނީ އިޒްރޭލުގެ އިސްތިއުރީ އަމަލުތަކާ ބެހޭ ގޮތުން ގާނޫނީ ރައުޔެއް ދިނުމަށް މައްސަލަ ބަލައިގެންފައެވެ. މިއީ އިޒްރޭލު ބައިނަލްއަގްވާމީ ޕްރެޝަރަށް ވައްޓާލާނެ މައްސަލައެއް ކަމަށް ބެލެވެއެވެ. އަދި ފަލަސްތީނުން ވަނީ އެމައްސަލައަށް އސްލާމީ ގައުމުތަކުން ތަދައްޚުލު ވުމަށް އެދިފައެވެ.

2009 އާއި 2021 އާ ދެމެދު ނަތަންޔާހޫ ބޮޑު ވަޒީރުކަމުގައި ހުރިއިރު ދެފަރާތުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އިސްރާއީލުގައި ހުންނަވާ އުރުދުން ސަފީރު އަނބުރާ ގެންނެވިއެވެ.

އަބްދުالله ރަސްގެފާނު އެންމެ ފަހުން ނަތަންޔާހޫއާ ބައްދަލު ކުރެއްވީ 2018 ވަނަ އަހަރުއެވެ. އެއީވެސް ނަތަންޔާހޫ ކުރި ސިއްރު ދަތުރެއްގައެވެ. ނަތަންޔާހޫގެ ކުރިން އެމަގާމު ފުރި ޔާއިރް ލެޕިޑާއި ނެފްތާލީ ބެނެޓް ވެސް ވަނީ އަބްދުﷲ ރަސްގެފާނުގެ ފައިންޕުޅު ދެކެން އައްމާނަށް ގޮސްފައެވެ.