އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި އިސްލާމީ ދުނިޔޭގެ އިސް ލީޑަރަކަށް ދައުވަތު ދިނުމަކީ މާނައިން ފުރިގެންވާ ފާހަގަ ކުރަން ޖެހޭ މުހިންމު ކަމެކެވެ.

އިންޑިއާ މިނިވަންވި ދުވަހުން ފެށިގެން މިސްރުން ވަނީ އިންޑިއާއާއެކު ޚާއްސަ ގުޅުމެއްް ބާއްވާފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނެހްރޫ އާއި މިސްރުގެ ރައީސް ނާސިރުގެ ގަތްގުޅުމަކީ އެ ޒަމާނުގައި ފާހަގަ ކޮށްލެވުނު ގުޅުމެކެވެ. މިސްރުގައި ނެހުރޫއަށް ޚާއްސަ ގަދަރެއް ދެވުނީ ޒަމާންތަކަކަށް ފަހު އަލުން ތައުލީމީ ފަލްސަފާވެރިއަކު ވެރިކަމަށް އިސްވެވަޑައިގަތީ ކަމަށް ބަލައިގެންނެވެ. އަބްދުއްނާސިރުއާއި ނެހުރޫގެ ގުޅުން ތަރުޖަމާ ވެގެން ދިޔައީ ދުނިޔޭގައި ގާއިމް ކުރެވިގެން ދިޮޔަ ވަކި ފަރާތަތަކަށް ނުޖެހޭ ހަރަކާތަށެވެ.

ގާތްގަނޑަކަށް 110 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފްރިކާ އާއި އޭޝިއާ އާއި ދެމެދު އޮންނަ، އަރަބި ދުނިޔޭގެ އެންމެ ބޮޑު ގައުމު، މިސްރަކީ އަރަބި އިސްލާމީ ދުނިޔޭގެ މުހިންމު ކުޅުންތެރިއެކެވެ. މިސްރަކީ އެ ސަރަހައްދުގެ އެންމެ ބޮޑު ލަޝްކަރު ގެންގުޅޭ އަދި، އަރަބި ލީގުގެ މަރުކަޒު ހުންނަ ގައުމުވެސް މެއެވެ. ބައިނަލްއަގްވާމީ މައްސަލަތކުގައި މިސްރުގެ ބަހަކީ ބުރަދަނެއް އޮންނަ ބަހެކެވެ.

ދަތި ހާލުގައި އެހީވެދޭ ރައްޓެހިންނަކީ ހަގީގީ ރައްޓެހިންނެވެ. 1956 ވަނަ އަހަރު ތިން ގައުމުން މިސްރާ ދެކޮޅަށް ފެށި ސުއޭހު ހަނގުރާމައިގައި، އިންޑިއާއިން މިސްރަށް ސިއްރިއްޔާތުގައި ހަތިޔާރު ޝިޕްމެންޓެއް ސަޕްލައި ކޮށްދިނެވެ.

މިސްރުގެ އިލްމީ ފިކުރީ މެހުފިލްތަކުގައި މަހާތުމާ ގާންދީ އާއި ރަބިންދްރަނާތު ޓޭގޯރަކީ މީހުންނަށް ފަރިތަ ނަންނަމެވެ. އެމީހުންގެ ލިޔުންތައް އަރަބި ބަހަށް މިސްރުގައި ތަރުޖަމާ ކުރެވުނެވެ.

މިސްރާއި އިންޑިއާ އެއްބަޔަކު އަނެއްބަޔަކާ ދުރުވެގެން ދިޔައީ ގިދު ވެރިކަމެއް ކުރެއްވި ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމުގައެވެ. ޑިޕްލޮމެޓިކް ދާއިރާގެ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި މުބާރަކްއާ އިންޑިއާއާ ދެމެދު މައްސަލައަކަށް ވެގެން ދިޔައީ، 1983ވަނަ އަހަރު ނިއުދިއްލީގައި ބޭއްވި ވަކިފަރާތަކަށ ްނުޖެހޭ ހަރަކާތުގެ ސަމިޓްގައި ގޮނޑިތައް ތަރުތީބު ކުރެވުނު މައްސަލައިގައެވެ. އެއަށްފަހު މިސްރާއި އިންޑިއާގެ ގުޅުން ރަގަޅު ވުމަށް 25 އަހަރު ނެގިއެވެ. ދެގައުމުގެ ގުޅުމުން ވަޅޯކަން ކެނޑުނީ 2008ގެ ނޮވެމްބަރު މަހުގައެވެ.

އެއަށްފަހު، ދެގައުމުން ވައުދުވީ، ގެއްލިގެން ދިޔަ ވަގުތު ފޫބެއްދުމަށެވެ. 2009ގައި މިސްރުގައި ބެއްވި ސަމިޓަށް ޑރ. މަންމޯހަން ސިންގ ވަޑައިގެން ގުޅުމަށް އައު ދިރުމެއް ދެއްވިއެވެ. ނަމަވެސް މިސްރުގެ ރައިސް މުބާރަކް ވެވަޑަިއގެންނެވީ އަރަބި ދުނިޔޭގައި އުފެދުނު ސިޔާސީ ރަބީޢު މޫސުމުގެ އެންމެ މަޝްހޫރު ޝިކާރައަށެވެ. 2011 ޖެނުއަރީއަށް ފަހު މުބާރަކްގެ ވެރިކަން ވެއްޓިދިއުމަށްފަހު އައު އިންތިޚާބަކާއި އައި ގާނޫނުއަސާސީއަކަށް ފަހު ވެރިކަމާ ޙަވާލުވެ ވަޑައިގަތް، ޝަހީދު މުހައްމަދު މުރުސީވެސް މިސްރާއެކު ގާތްގުޅުމެއް ބޭއްވުމަށް އިސްކަމެއް ދެއްވިއެވެ.

ރައީސް މުރުސީ ނިއުދީލީއަށް 2013 ވަނަ އަހަރުގެ މާޗް މަހު ކުރެއްވި ދަތުރުފުޅުން، ދެ ގައުމުގެ ގުުޅުމަށް އައު ދިރުމެއް ލިބޭނެކަމަށް އުންމީދު ކުރެވުނެވެ. އެހެންނަމަވެސ ްކަން ވެގެން ދިޔައީކީ އެހެނެއް ނޫނެވެ! އެ ދަތުރުފުޅުގެ ތިން މަސް ފަހުން މުރުސީ މަގާމުން ދުރުކުރެވުނެވެ.

ރައީސް ސީސީގެ ވެރިކަން 2014ގައި ފެށުމާއެކު، ސީސީވެސް އިންޑިއާ ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ފެއްޓެވިއެވެ. ރައީސް ސީސީ އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުޅަކީ، 2015 ވަނަ އަހަރު، ނިއުދިއްލީގައި އޮތް އިންޑިއާ-އެފްރިކާ ފޯރަމް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެއަށްފަހު ފުރަމާނަ ދަތުރުފުޅެއްގައި 2016 ވަނަ އަހަރުވެސް އިންޑިއާއަށް ވަޑައިގެންނެވިއެވެ.

ރައީސް ސީސީގެ ދަތުރުފުޅަށް ފަހު ރޭވިފައި އޮތީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވެސް 2020ވަނަ އަހަރު މިސްރަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ގޮތަށެވެ. އެހެންނަމަވެސް ކޯވިޑްގެ ވަބާއާ ގުޅިގެން އެ ދަތުރުފުޅު ފަސްކުރަން މަޖުބޫރުވިއެވެ.

ކޯވިޑްގެ ދެވަނަ ރާޅުގައި އިންޑިއާއަށް އެންމެ ބޮޑަށް އެހީ ބޭނުންވި ދަނޑިވަޅު މިސްރަކީ އިންޑިއާއަށް ބޭހުގެ އެހީ ފޯރުވައިދިންގައުމެކެވެ. އެއަށްފަހު ދެ ގައުމުގެ ގުޅުމަށް އައު ތާޒާކަމެއް އައިސް އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގއާއި އަދި އެއަށްފަހު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖަޔަޝަންކަރު މިސްރަށް ދަތުރުތަކެއް ކުރެއްވިއެވެ.

އެއަށްފަހު ދެގައުމުގެ ދެމެދު އަސްކަރީ މައިދާނުގައި އެއްބާރުލުން ދިނުމުގެ މަސައްކަތްތައް ފެށިގެން ދިޔައެވެ.

ދެ ގައުމުގެ ވައިގެ ސިފައިންގެ ފުރަތަމަ ޖޮއިންޓް ޓެކްޓިކަލް އެކްސަސައިޒް ކަމަށްވާ ޑެސަރޓް ވޮރިއަރ ގައި ބައިވެރިވުމަށް އިންޑިއާގެ ވައިގެ ސިފައިންގެ ފަސް މިރާޖް 2000 މަރުކާގެ ޖެޓްފައިޓާތައް މިސްރަށް ފޮނުވިއެވެ. އެއީ ދެގައުމުގެ ވައިގެ ސިފައިން ބެއްވި ފުރަތަމަ އެފަދަ ތަމްރީނެވެ.

މިހާރުވެސް އިންޑިއާގެ ޖައިސަލްމާރްގެ ސަހަރާގައި މިސްރާއި އިންޑިއާގެ ސްޕެޝަލް ފޯސްގެ އަސްކަރީ ތަމްރީންތައް ދަނީ ހިނގަމުންނެވެ.

ދެ ގައުމުގެ އަސްކަރީ ގުޅުމުގެ އަނެއް ބަޔަކީ، އިންޑިއާއިން އުފައްދާފައިވާ ތޭޖާސް ފައިޓާ ޖެތާއި ޑުރްވް ހެލިކޮޕްޓަރ ގަތުމަށް މިސްރުން ޝައުގުވެރިކަން ފާޅުކޮށްފައި ވުމެވެ. މިމަޝްވަރާތައް އަދި އުޅެނީ އޭގެ އެންމެ އިބްތިދާއީ މަރުހަލާގައެވެ.

މިސްރުން އިންޑިއާއަށް އިހުތިރާމާއެކު ބަލާކަމުގެ އަނެއް ހެއްކަކީ، އިންޑިއާއާ ދެކޮޅަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ފޯރަމްތަކުގައި އަވަށްޓެރިޔާ ނަގާ މައްސަލަތަކުގައި މިސްރުން ގެންގުޅޭ ހިކުމަތްތެރި ކަމެވެ. ހަމައެފަދައިން މުސްލިމުންގެ މެދުގައި ޚިޔާލު ތަފާތު މައްސަލައެއްގައި ވާހަކަ ދެއްކި ނުޕޫރު ޝަރްމާގެ މައްސަލާގައިވެސް މިސްރުން މުއާމަލާތުކޮށްފައި ވަނީ ޙިކުމަތްތެރި ގޮތަކަށެވެ.

ދެފަރާތުންވެސް އެއްބަޔަކު އަނެއް ބަޔަކަށް ދައްކާ އިޙުރިތާމު ފެނިގެން ދިޔައީ، ކޯވިޑްގެ އާލަމީ ވަބާގެ ދެވަނަ ރާޅުގައި އިންޑިއާއަށް ތިން މަތިން ދާބޯޓުގައި މިސްރުން ތިން ލައްކަ ގުޅަ ބޭހުގެ ޝިޕްމެންޓްތައް ފޮނުވުމެވެ. އަދި ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން މިސްރަށް ގޮދަން ބޭނުންވި ވަގުތު އިންޑިއާއިން މިސްރަށް ޚާއްސަ ގޮތަކަށް 61،700 މެޓްރިކް ޓަނުގެ ގޮދަން ސަޕްލައި ކޮށްދިން ކަމެވެ. މިސްރަކީ ދުނިޔޭގައި އެންމެ ގިނައިން ގޮދަން ބޭނުން ކުރާ ގައުމެވެ.

އިންޑިއާއާއި މިސްރުގެ ވިޔަފާރި ވަނީ މިދިޔަ ދެއަހަރުގެ ތެރޭގައި 75 ޕަސެންޓަށް ކުރިއަރައިގެން ގޮސްފައެވެ. މިހާރު ދެގައުމުގެ ވިޔަފާރި އުޅެނީ 7 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. ދެ ފަރާތުންވެސް ގަބޫލުކުރާ ގޮތުގައި މިއީ ދެ ގައުމުގެ އާބާދީއާއި މާކެޓް ސައިޒަށް ބަލާއިރު ދަށް މިންވަރެކެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ކުންފުނިތަކުން މިޞްރުގައި އިންވެސްޓްކޮށްފައިވެއެވެ. އަދި އެ ކުންފުނިތަކުން ރަނގަޅު ނަތީޖާތަކެއްވެސް ހޯދާފައިވެއެވެ.

މިސްރުގައި އިންވެސްޓް ކޮށްފައވާ އިންޑިއާގެ އެންމެ ފާހަގަ ކުރެވޭ ކުންފުންޏަކީ، 1.5 ބިލިއަން ޑޮލަރު އިންވެސްޓް ކޯށްފައިވާ ޗެންނާއިގެ ޓީސީއައި ސަންމާރެވެ. ޕޯޓް ސައީދުގައި އިންވެސްޓްކޮށްފައިވާ އެކުންފުންޏަކީ ޕީވީސީއާއި އެކޯސްޓިކް ސޮޑާ އުފައްދާ މެދުއިރުމަތީގެ އެންމެ ބޮޑު ކުންފުންޏެވެ.

ދެވަނަ ކުންފުންޏަކީ އިންޑިއާގެ އަދިތިޔަ ބިރްލާ ކުންފުންޏެވެ. އިސްކަންދަރިއްޔާގައި ބިރްލާ ކުންފުނިން ވަނީ ކާބަން ބްލެކް އުފައްދާ ކާރުޚާނާއެއްގައި އިންވެސްޓް ކޮށްފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ކާބަލް ބްލެކް އުފައްދާ ކާރުޚާނައެވެ.

އޭގެ އިތުރުން އިންޑިއާގެ އޭޝިއަން ޕެއިންޓްސްއާއި ދާބަރް ކުންފުންޏާއި ޔޫ ފްލެކްސް ފިލްމްސްއާއި ބަޖާޖް އޮޓޯ އިން މިސްރުގައި ފެކްޓްރީތައް ހިންގައެވެ.

އަލަށް މިސްރުން ފަށާފައިވާ ސުއޭޒް ކެނަލް އިކޮނޮމިކް ޒޯންގެ ގްލޯބަލް މެނުފެކްޗަރިން ހަބްގައިވެސް އިންޑިއާ ކުންފުނިތަކުން ވަނީ އިންވެސްޓް ކުރަން ފަށާފައެވެެ. އޭގެ ތެރޭގއި އެންމެ ފާހަގަ ކުރެވޭ ފުރަތަމަ ކުންފުންޏަކީ ގުރްގާއުނގެ ރީނިއު ޕަވަރ ކުންފުންޏެވެ. މިއީ 8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްކޮށްގެން އަހަރަކު 220،000 ޓަނުގެ ގްރީން ހައިޑްރޯޖަން އުފައްދާ ފެސިލިޓީއެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި މިސްރާއެކު ސޮއިކުރި ފުރަތަމަ ގައުމެވެ.

ސުއޭޒް ކެނަލް އިކޮނޮމިކް ޒޯންގެ ގްލޯބަލް މެނުފެކްޗަރިން ހަބަށް އިންޑިއާގެ ކުންފުނތަކުން ކަޅި އަޅަމުން ދަނީ، އެއީ ޔޫރަޕާއި އޭޝިއާގެ މާކެޓްތަކާ ދެމެދު އެންމެ ކުރު މަގަކުން ދަތުރު ކުރެވޭ އަދި މެޑިޓެރޭނިއަން ކަނޑާއި ރަތް ކަނޑާ ގުޅުވައިދޭ ސްޓްރެޓެޖިކް ވޯޓާވޭއެއް ކަމަށްވާ ސަރަހައްދަށް ވުމުންނެވެ.

ސުއޭޒް ކެނަލަކީ އަހަރަކު 18 ހާސް އާގު ބޯޓު ދެކޮޅަށް ހުރަސްކުރާ ކަނޑުއޮޅިއެކެވެ. އަދި އެއީ ދުނިޔޭގެ ކޮންޓެއިނާ ވިޔަފާރީގެ 20 އިންސައްތަ އުފުލައިދޭ މައގުވެސް މެއެވެ.

ބެލެވޭ ގޮތުގައި ދެ ގައުމުގެ ލީޑާޝިޕުން މިސްރާބު ޖަހފައި ވަނީ މިދިޔަ 40 އަހަރުގެ ތެރޭގައި ގެއްލުނު ފުރުސަތުތައް އަނބުރައި ހޯދުމަށެވެ.