އިންޑިއާއިން ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރުއަކީ، އިންޑިއާގެ ވެރިރަށް ނިއުު ދިއްލީން ވިޔަފާރި މަރުކަޒު މުމްބާއިއަށް އޮންނަ އަށް ލޭނުގެ ހައިވޭ އެއް ބިނާ ކުރުމުގެ މަސައްކަތެވެ.

މިއަހަރުގެ ޑިސެމްބަރު މަހަށް ނިމި ހުޅުވޭނެ ކަމަށް ބުނެފައިވާ މި ހައިވޭއަކީ، 10 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން އިންޑިއާއިން ހަދާ ހައިވޭ އެކެވެ.

2018 ވަނަ އަހަރު ފަށާފައވާ މި މަޝްރޫއަކީ 1386 ކިލޯމީޓަރު (861 މޭލް)ގެ ދިގު ރާސްތާއެއް ގުޅުވާ މަޝްރޫއެކެވެ. ގަޑިއަކު އެންމެ ބާރަށް 120 ކިލޯމީޓަރަށް ދުއްވޭނެ މި ހައިވޭގައި ދިއްލީން މުމްބާއިއަށް ކުރާ ދަތުރުތައް 12 ގަޑިއިރަށް ކުރުވެގެން ދާނެއެވެ.

އިންޑިއާގެ ހައިވޭ މިނިސްޓަރ ނިޓިން ގަޑްކަޅީ ވިދާޅުވާ ގޮތުގައި ހައިިވޭގައި ހޮޓާތަކާއި އޭޓީއެމް އަދި ރެސްޓޯރެންޓްގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ހެލިޕެޑްވެސް ހަދާފައި ވާނެެއެވެ. އޭގެ އިތުރުން ނުރައްކާތެރި ހާދިސާތަކުގައި ބޭނުންކުރުމަށް ހަސްފަތާލެއްވެސް ހުންނާނެއެވެ.