ޚާއްސަ ސަލާމަތީ ސިފަތަކަކާއެކު އިންޑިއާއިން އަމިއްލަ މޮބައިލް އެޕެއް އުފައްދައި ބޭނުން ކުރަން ފަށައިފިއެވެ. ބާރްއޯއެސް އަކީ އިންޑިއާގެ ސަރުކާރުން ހިތްވަރު ދީގެން އިންޑިއަން އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ މެޑްރާސްގެ ބައިވެރިވުމާއެކު އުފައްދާފައިވާ މޮބައިލް އޮޕަރޭޓިންގ ސިސްޓަމެކެވެ. އެންޑްރޮއިޑް އާކިޓެކްޗަރއަށް ބިނާކޮށްފައިވާ މި އޯއެސްއަކީ އެއްވެސް އަމިއްލަ އެޕެއް ބޭނުން ކުރުމަށް މަޖުބޫރު ކުރާ އޯއެސް އެއް ނޫނެވެ. މިހާރު ލިބެން ހުންނަ އެންޑްރޮއިޑަކީ ގޫގްލްގެ އެޕްތަކާ ގުޅުވާފައިވާ އެއްޗެކެވެ.
އިންޑިއާގައި މި ވަގުތު މި އޯއެސް ބޭނުން ކުރަމުން ދަނީ ސަލާމަތީ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުގައެވެ. އާންމު ބޭނުމަށް ދޫކޮށްލުމުން ބިލިއަނަށް ވުރެން ގިނަ ފޯނުގައި މި އޯއެސް ބޭނުން ކުރަން ފަށާނެ ކަމަށް ބެލެވެއެވެ.
މިހާރު ލިބެން ހުރި ފޯނުތަކުގައި ބާރްއޯއެސްއާއެކު ބްރައުޒަރއެއްގެ ގޮތުގައި ހިމަނާފައި ވަނީ ޑަކްޑަކްގޯއާއި މެސެޖިންގ އެޕަކަށް ސިގްނަލް އެކަންޏެވެ.
އިންޑިއާއިން ބުނާ ގޮތުގައި މިއީ އިންޑިއާގެ އަމިއްލަ އުފެއްދުމަށް ހިތްވަރު ދިނުމާ ގުޅޭ ގޮތަށް އުފައްދާފައިވާ އުފެއްދުމެކެވެ.