ޕާކިސްތާންގެ ކަރަންޓް ވިއުގައަށް ދިމާވި މައްސަލާގައި ބޭރުގެ ފަރާތެއްގެ އަތެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާންގެ ކަރަންޓާ ބެހޭ މިނިސްޓަރު ޚުއްރަމް ދަސްތަގީރު ވިދާޅުވެއެވެ. އަންގާރަ ދުވަހު ހެނދުނު ޕާކިސްތާންގެ ކަރަންޓް ވިއުގައިގެ ލޯޑް ދަށްވަމުން ގޮސް ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުން އެއްކޮށް ކަރަންޓު ކެނޑުނެވެ.

ދަސްތަގީރު ވިދާޅުވިގޮތުގައި އިންޓަރނެޓް މެދުވެރިކޮށް ހަމަލައެއް ދީފައިވާ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ނަމަވެސް ކަރަންޓް ވިއުގައަށް ދޭތެރޭން މައްސަލަތައް ދިމާވާ ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ޕާކިސްތާން ބޮޑު ވަޒީރު ވަނީ ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ. އެކޮމިޓގެ ރިއާސަތު ބަލަހައްޓަވަނީ ޕެޓްރޯލިއަމް މިނިސްޓަރެވެ.

ޕާކިސްތާންގެ ހުރިހައި ހިސާބަކަށް ހަމައަށް އަދިވެސް ކަރަންޓު ލިބިފައެއް ނުވެއެވެ. ދަސްތަގީރު ވިދާޅުވިގޮތުގައި ކަރަންޓު ވިއުގަ އާންމު ހާލަތަށް ދާނީ ބުރާސްފަތިދުވަހު ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދޭތެރޭން ކަރަންޓު ކެނޑިގެން ދާނެކަމަށް ރައްޔތުން ސަމާލު ވމަށްވެސް އެދިވަޑައިގަތެވެ.