އެމިރޭޓްސްގެ އެސްޓްރޮނޯޓް ސުލްތާން އަލް ނިޔާދީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ކުރާ ދަތުރުގައި ރޯދައެއް ނުހިފާނެއެވެ. އަންނަ މަހު ސްޕޭސްއެކްސް ފެލްކަން 9 ރޮކެޓެއްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދަތުރުކުރާ އުމުރުން 41 އަހަރުގެ އެސްޓްރޮނޮޓް ވެގެންދާނީ ޖައްވުގައި ހަ މަސް ހޭދަކުރާ ފުރަތަމަ އަރަބި އެސްޓްރޮނޯޓަށެވެ.

ނިޔާދީ އާއި ނާސާގެ ސްޓީވަން ބޯވެން އަދި ވޮރެން ހޯބާގް އަދި ރަޝިޔާގެ އެންޑްރީ ފެޑިއޭވް ސްޕޭސްއެކްސްގެ ޑްރެގަން ގެ މެމްބަރުންގެ ގޮތުގައި ފެބްރުއަރީ 26 ވަނަ ދުވަހު އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދަތުރު ފެށުމަށްް ވަނީ ހަމަޖެހިފަ އެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަރަކާތްތެރި ރަމަޟާން މަހުގައި ރޯދަހިފައި ރޯދަ މަސް ފާހަގަކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން ނިޔާދީ ބުނީ އޭނާގެ ހާލަތަކީ އިސްތިސްނާ ހާލަތެއް ކަމަށެވެ. އޭނާ ބުނީ އޭނާ ގިންތި ކުރެވޭނީ ދަތުރުވެރިއެއްގެ ގޮތުގައެވެ. އެހެންވެ، އޭނާ ރޯދަ ހިފަން ނުޖެހޭނެ ކަމަށެވެ. އަދި ކުރޫންނަށްވެސް ނުރައްކަލެއް ކުރިމަތި ވެދާނެތީ އެކަށީގެންވާ ގޮތަކަށް ކައިގެން ހުންނަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. ނިޔާދީ ވެގެންދާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ފަޒާއަށް ދަތުރުކުރާ އެގައުމުގެ ދެވަނަ މީހާއަށެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހައްޒާއު އަލްމަންސޫރީ ވަނީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދަތުރުކޮށް އަށް ދުވަސް ހޭދަކޮށްފައެވެ.