ދާދި އަވަހަށް ބަދަލު ހިފާނެ ކަމަށް އިސްލާމީ ޙަމާސްއިން އިންޒާރު ކޮށްފިއެވެ. އަދި އިސްލާމިކް ޖިހާދުން ބުނެފައި ވަނީ ޔަހޫދީ ސިފައިންނާ ކުރިމަތިލާން ތައްޔާރަށް އޮތް ކަމަށެވެ.

އިޒްރޭލު ސިފައިން ވަނީ މިއަދު ޖެނިންއަށް ދިން ޙަމަލާގައި ފަލަސްތީނުގެ ނުވަ މީހުން ޝަހީދުކޮށްފައެވެ. މިސްރާއި ތުރުކީން ވަނީ އިޒްރޭލުގެ އުދުވާން ކުށްވެރިކޮށްފައެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންތާހޫ ވަނީ ދިފާއީ ވަޒީރާއި ސްޓްރެޓެޖީ މިނިސްޓަރާއި ފުލުހުންގެ ވެރިޔާއާއި ޖާސޫސީއިދާރާގެ ވެރިންނާއެކު ކުއްލި ފޯނު މަޝްވަރާ ބައްދަލުވުމެއް ފަށާފައެވެ.

އިޒްރޭލުގެ ދިފާއީ ވަޒިރު ވަނީ އަވަސް ގޮތަކަށް ކުރިމަތި ލުމެއް ހިނގާނެ ކަމަށް ބަލައިގެން ސިފައިން ތައްޔާރަށް ތިބުމަށް އަންގާފައެވެ.

ޙަމާސް އިން ބުނެފައި ވަނީ ޖެނިންގެ ގަތުލުއާންމަށް އިޒްރޭލުން ހެޔޮ ވަރުގެ އަގެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ ހިތްވަރު ބަލިކޮށް ނުލެވޭނެ ކަމަށެވެ. އަދި ދާދި އަވަހަށް ރައްދު ދެވޭނެ ކަމަށެވެ.

ޔަހޫދީ ސިފައިން މަރާލި މީހުންގެ ތެރޭގައި އުމުރުން 60އަހަރުގެ އަންހެނަކުވެސް ހިމެނެއެވެ. އަދި އެ ގަތުލުއާންމުގައި 20 މީހުން ޒަޚަމްވިއެވެ.

ފަތިހު ފަތިހާ އިޒްރޭލު ސިފައިން ޖެނިން ރެފިއުޖީ ކެމްޕަށް ދިއުމުން ދެ ފަރާތުން ހަމަލަތައް ބަދަލު ކުރުމުގައި ހަތަރު ގަޑިއިރު ހޭދަވިއެވެ.