އެމްޑީޕީގެ ސަރުކާރެއް އެކުލަވާލަން ލިބޭ ފުރުސަތު ގެއްލުވާނުލުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު ރޭ އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕާޓީގެ އަމިއްލަވެރިކަމެއް އޮންނަބް ބޭނުންފުޅުވާ ކަމަށެވެ. އެހެންނަމަވެސް ކުރިއަށްއޮތް ރިޔާސީ އިންތިކާބު ކާމިޔާބު ކުރެވެންއޮތީ ސިޔާސީ އެހެންޕާޓީތަކާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވެސް ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭޭނީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވައިގެން ކަމަށެވެ. އެމަނިކުފާނަކީ ކޯލީޝަން ސަރުކާރެއް ދެމެހެއްޓުމުގެ ގާބިލްކަން ލިބިވަޑައިގެެންފައިވާ އަދި މަޝްވަރާކޮށްގެން އެހެން ޕާޓީތަކާއެކު ކުރިއަށް ވަޑައިގެންނެވޭނޭ ބޭފުޅެެއް ކަމަށް އެމަނިކުފާނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް އެމަނިކުފާނާ ވާދަކުރައްވާ ރައީސް ނަޝީދަށް އެފަދައިން އަމަލުކުރެވޭނޭ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަށް ބޮޑު ތާއިދެއް އޮތަސް ރިޔާސީ އިންތިޚާބުގައި އެޕާޓީ އެކަނި ނުކުމުގެެން 50 ޕަސެންޓަށްވުރެ މަތީން ވޯޓު ލިބޭނޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން ދެންވެސް އެމްޑީޕިއަށް ވެރިކަމަށް އާދެވޭނީ އެމަނިކުފާނު ކެންޑިޑޭޓަކަށް ނެރެ އެހެން ޕާޓީތަކާ ވެސް ގުޅިގެން ކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ އައްޑޫ ސިޓީއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަވަމުންދާ ކަމަށް ވެސް ވިދާޅުވެފައެެވެ. އެގޮތުން އައްޑޫއިން ބިންހިއްކުމުގެ މަސައްކަތް މިހާރު ފެށިފައވާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ޝަންގްރިއްލާ ރިސޯޓުގެ ސަރުކާރު ހިއްސާ ދޫކުރެއްވުމަށްފަހު ސެޕްޓެމްބަރ ހިސާބު އެރިސޯޓު ހުޅުވޭނޭ ކަމަށް ވެސް ވިދާޅުވިއެވެ. ރޭގެ ޖަލްސާއަށް އެމަނިކުފާނަށް ސަޕޯޓުކުރާ ގިނައަދަދެއްގެ މެމްބަރުން ހާޒިރުވިއެވެ.