އިސްލާމްފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރާ ކެނެޑާގެ ފުރަތަމަ ހާއްސަ މަންދޫބު އެގައުމުގެ ބޮޑު ވަޒީރު ބުރާސްފަތި ދުވަހު އައްޔަންކުރައްވައިފިއެވެ.
ނޫސްވެރިޔާ އަދި އެކްޓިވިސްޓް އަމީރާ އަލްޣަވާބީ އެ މަގާމު ފުރުއްވާނީ "އިސްލާމޯފޯބިއާ ދެކޮޅަށާއި ނިޒާމީ ގޮތަކަށް ނަސްލީ ތަފާތުކުރުމާއި އަދި ދީނީ ތަފާތުތައް ތަހައްމަލު ނުކުރެވުމާ ދެކޮޅަށް ފެޑެރަލް ސަރުކާރުން ކުރާ މަސައްކަތަށް ތާއީދުކޮށް ކުރިއަރުވައި ސަރުކާރުގެ މުޝީރެއްގެ ގޮތުގައި އަދި މާހިރެއްގެ ގޮތުގައިއާއި މަންދޫބެއްގެ ގޮތުގައި" ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ހަރަކާތްތެރިވާ އަލްޣަވާބީ އަކީ ކެނެޑާގެ ރޭސް ރިލޭޝަންސް ފައުންޑޭޝަންގެ ތަރުޖަމާނުގެ އިތުރުން ޓޮރޮންޓޯ ސްޓާރ ނޫހުގެ ކޮލަމިސްޓެކެވެ. މީގެ ކުރިން ޕަބްލިކް ބްރޯޑްކާސްޓާ ސީބީސީގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.
ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އަލްޣަވާބީ އައްޔަން ކުރެއްވުމަކީ "އިސްލާމޯފޯބިއާ އާއި ހުރިހާ ބާވަތެއްގެ ނަފްރަތާ ދެކޮޅަށް ކެނެޑާއިން ކުރާ މަސައްކަތުގައި މުހިންމު ފިޔަވަޅެއް" ކަމަށް ވިދާޅުވެފައެވެ.
ފާއިތުވި ދެތިން އަހަރު ތެރޭގައި ކެނެޑާގެ މުސްލިމުންނަށް އަމާޒުކޮށް ސިލްސިލާ މަރުގެ ހަމަލާތަކެއް ދީފައިވެ އެވެ. 2021 ވަނަ އަހަރުގެ ޖޫން މަހު އޮންޓޭރިއޯގެ ލަންޑަނުގައި މުސްލިމް އާއިލާއެއްގެ ހަތަރު މީހަކު ލޮރީ ދަށުގައި ޗިސްކޮށްލާފައި ވެއެވެ.
އޭގެ ހަތަރު އަހަރު ކުރިން ކެބެކް ސިޓީގެ މިސްކިތަކަށް ދިން ހަމަލާއެއްގައި ހަ މުސްލިމުން މަރާލައި ފަސް މީހަކަށް އަނިޔާ ކޮށްފައި ވެއެވެ.
ބުރާސްފަތި ދުވަހު ކުރި ސިލްސިލާ ޓްވީޓެއްގައި އަލްޣަވާބީ ވަނީ ދާދި ފަހުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ނަންތައް ލިސްޓް ކުރައްވައި، އެމީޙުންގެ މަތިން "އަހަރެމެން ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނެ" ކަމަށް ވިދާޅުވެފައެވެ.
އެ ހަމަލާތަކާ ގުޅިގެން 2021 ވަނަ އަހަރުގެ ޖޫން މަހު ފެޑެރަލް ސަރުކާރުން އިންތިޒާމްކުރި އިސްލާމޯފޯބިއާއާ ބެހޭ ގައުމީ ސަމިޓެއްގައި ލަފާ ދީފައި ވަނީ އިސްލާމޯފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރާ މުޝީރަކު އައްޔަން ކުރުމަށެވެ.