އިންޑިއާގައި ގާނދީ އަވަހާރަ ކޮށްލި މީހާއަށް މިހާރު މަތީ ދަރަޖައެއް ދެވިފައި އޮތުމަކީ މޫސުމީ ކަމެކެވެ. އިންޑިއާއަކީ، ނާލާއިގް މީހުންނަށް ވުރެން ގިނައިން ލާއިގް ބަޔަކު ވެގެން ސިފަ ޖައްސާފައިވާ އިންޑިއާއެކެވެ. އިންޑިއާއިން 26 ޖެނުއަރީގައި ޖުމްހޫރީ ދުވަސް ފާހަގަ ކުރީ މިހާރުގެ އިންޑިއާ، ޒަމާނީ ދައުތަކަށް ހަދައިދިން ޑޮކިއުމެންޓް އިޙުތިފާލު ކުރުމުގެ ގޮތުންނެވެ.
އެއީ، ހަމަހަމަކަމާއި ތަފާތު ނުކުރާ ޑިމޮކްރަސީއެއްގެ ގޮތުގައި އެކިދީންތަކާއި އެކި ދަރިފަސްކޮޅާއި އެކު މުޖުތަމައުތައް ހިމެނޭ އާބާދީއެއްގައި ކޮންމެ މީހަކަށްވެސް ހަމަހަމަ ކަމާއެކު އެއް ވޯޓު ދިނުމުގެ ހައްގު ދީފައިވާ ޑޮކިއުމެންޓެކެވެ. އެދުވަހު ފާސްކުރި އިންޑިއާގެ ޤާނޫނުއަސާސީގައި މި އުޞޫލުތައް ނެގެހެއްޓުމަށްޓަކައި ސާފު މާއްދާތަކެއް ކަނޑައަޅާފައިވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް "ޑިމޮކްރެޓިކް" ގާނޫނުއަސާސީތައް ފާސްކޮށްފައިވީ ނަމަވެސް، އިންޑިއާގެ ގާނޫނުއަސާސީއަކީ އެތައް ގޮތަކުން ތަފާތު ގާނޫނުއަސާސީއެކެވެ. އެއީ ޑިމޮކްރެޓިކް އަދި ހަމަހަމަ ކަމަށް ބާރުއަޅާ ގާނޫނުއަސާސީއެކެވެ. ހުޅަނގުގެ ދުވަސްވީ ޑިމޮކްރަސީތަކުގައި އިންޑިއާގެ ގާނޫނުއަސާސީގައި ބާރުއެޅި ހަމަހަމަކަން ލިބުނީ 60ގެ އަހަރުތަކުގައެވެ. އެމެރިކާގައި ކަޅު މީހުންނަށް ވޯޓެއް ނުލެވެއެވެ. އަންހެނުންނަށްވެސް ވޯޓެއް ނުލެވެއެވެ. އެކަމަކު އިންޑިއާގައި ޖިންސަށް ނުވަތަ އިޖުތިމާއީ ދަރަޖައަށް ބެލުމެއް ނެތި ވޯޓު ލުމުގެ ހައްގު ދެވުނެވެ.
އިންޑިއާގައި ޒަމާނީ ސިފަ ޖައްސާފައި ވަނީ ގާނޫނުއަސާސީއަށް ބަހުސް ކުރި މަޖިލިސްގެ ތެރޭންނެވެ. އެމަޖިލިސްއަށް މެންބަރުން ހޮވާފައިވަނީ އިންޑިއާގެ ހުރިހާ ހިސާބަކުންނެވެ. މަޖިލިސްގައި އިސްކޯށް ތިއްބެވީ އިލްމީ ގާބިލް ބައެކެވެ. އެއީ، ޖަވާހަރުލާލް ނެހްރޫ، ސަރްދާރު ވައްލަބްބައި ޕަޓޭލް، ޑރ.ބީ.އާރް.އަމްބެޑްކާރ، ޑރ.ރާޖެންދްރާ ޕްރަސާދު އަދި މައުލާނާ އަބުލް ކަލާމް އަޒާދު ފަދަ އިލްމީ ހުނަރުވެރިންނެވެ.
އެއިރު ކޮންގްރެސް ޕާޓީއަކީ އެތައް ޖަމާއަތެއް ބައިވެރިވާ އިއްތިހާދެކެވެ. ކޮންގްރެސްއިން، 1930 ގެ އަހަރުތަކުގެ ކުރީކޮޅުއްސުރެ މިނިވަން އިންޑިއާއަށް ގާނޫނުއަސާސީއެއް އެކުލަވާލަން ޖެހޭކަމަށް ބުނަމުން ދިޔައެވެ. 1946 ގައި އިނގިރޭސިން އަތް ފޮޅާލަން އުޅޭކަން އިއުލާން ކުރުމުން އެކަން އަވަސް ކުރުމަށް ކޮންގްރސްއިން ބާރު އެޅިއެވެ.
1946 ގައި އިންތިޚާބު ކުރި މަޖިލިސްތަކުގެ މެމްބަރުންގެ ތެރޭން ނުސީދާ ގޮތެއްގައި އިންތިހާބުކުރި 292 މީހުންނާއެކު 389 މެންބަރުން ހިމެނޭ ގާނޫނުއަސާސީ އެކުލަވާލާ މަޖިލީހެއް އުފެއްދި އެވެ. އެއިރު އެކިއެކި އަމީރުން ހިންގަމުން އައި ކުދި ދައުލަތައް ހިމެނޭ ޕްރިންސްލީ ސްޓޭޓްތަކުގެ 92 މެންބަރުން ވެސް ބައިވެރިކޮށްފައި ވެއެވެ. ޕާކިސްތާން އުފައްދަން އުޅުނު މީހުން ބައިވެރިކޮށްފައެއް ނުވެއެވެ.
އޭރު ކޮންގްރެސްގައި ހިމެނުނީ، ކަނާތުފިޔައިގެ މީހުންނާއި ވާތުފިޔައިގެ މީހުންނާއި ހިންދޫ ގައުމިއްޔަތަށް ބާރުއަޅާ މީހުންނާއި މުސްލިމުންނާއި މުއްސަނދިންނާއި ދަށު ފަންތީގެ މީހުންނާއި ހުރިހައި ވައްތަރެއްގެ ބައެކެވެ.
އިންޑިއާގެ ގާނޫނުއަސާސީ އެ މަޖިލިހުން އެކުލަވާލީ، ޑިސެމްބަރު 1946 އިން ޑިސެމްބަރު 1949 އާ ދެމެދު، 165 ދުވަހުގެ ތެރޭގައެވެ.
ގާނޫނުއަސާސީގެ އަސާސީ ސިފަތައް ޖައްސަން މަޖިލީހުން ބޭރުގައި އާންމުންނާއެކުވެސް ގިނަ މަޝްވަރާތައް ބާއްވާފައި ވެއެވެ. އެމަޖިލީހުން ބާއްވާފައިވާ 11 ޖަލްސާގެ ޔައުމިއްޔާ ވަނީ ޝާއިއުކޮށްފައެވެ. އެއީ ތާރީޚް ލިޔުންތެރިޔަކަށް އަގުނުކުރެވޭ ފަދަ ޚަޒާނާއެއް ކަމަށް ރާމާޗަންދްރަ ގުހާ އޭނާގެ ފޮތް "އިންޑިއާ އާފްޓާ ގާންދީ" ގައި ލިޔެފައި ވެއެވެ.
1946 އިން 1949 އަށް ދިޔަ އަހަރުތަކަކީ، ކުރިން ނުފެންނަ ފަދަ ހަލަބޮލިކަމެއް އިންޑިއާއަށް ކުރިމަތިވި ޒަމާނެކެވެ. އެއީ ކާބޯތަކެތީގެ ދަތިކަމާއި، ބަނޑަށް ޖެހުމާއި އިޖުތިމާއީ ހަމަނުޖެހުންތަކާއި، ޕާކިސްތާނުން ރެފިއުޖީން އައުމާއި، ކަޝްމީރުގައި އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުން ކުރި ފުރަތަމަ ހަނގުރާމައިގެ ޒަމާނެވެ.
މިފަސްމަންޒަރުގައި ގާނޫނު އަސާސީ އެކުލަވާލީ ބައިމަދު މީހުންނާއި ޖަމާއަތުގެ ހަވާސާގައި އުޅޭ މީހުންނަށްވެސް ހައްގުތައް ކަށަވަރުވާ ގޮތަށެވެ. އެކަންކަން ކަށަވަރު ކުރުމަށް ނެހުރޫ ބާރުއެޅުއްވިއެވެ. އިންޑިއާ އެކަތިގަނޑަކަށް ބެއްވުމަށް ވައްލައްބައި ޕަޓޭލް ބާރުއެޅުއްވިއެވެ. ދަށު ފަންތީގެ މީހުންނގެ ހައްގު ކަށަވަރު ކުރުމަށް ގާނޫނުއަސާސީގެ ޑްރާފްޓިންގ ކޮމިޓީގެ ރައީސް ޑރ. އަމްބެދްކާރް މަސައްކަތް ކުރެއްވިއެވެ.
ގާނޫނުއސާސީގައި އިންޑިއާގެ ދައުލަތަކީ ފެޑެރަލް ދައުލަތަކަށް ވާންޖެހޭތޯ ނުވަތަ ޔުނިޓަރީއަކަށް ވާންޖެހޭތޯ އާމެދު ވަރުގަދަ ބަހުސްތަކެއް ކުރެވުނެވެ. 1935 ވަނަ އަހަރުގެ ގާނޫނުގެ ދަށުން އިންޑިއާއަކީ އިންތިހާބުވެފައިވާ ގާނޫނު ހަދާ މަޖިލިސްތަކެއް ހުރި ޕްރޮވިންސްތަކެއް އޮތް ގައުމެއްކަމުގައިވި ނަމަވެސް ޔުނިޓަރީ ދައުލަތެކެވެ. ގާނޫނުއަސާސީ އެކުލަވާލުމުގައި ބަލާފައި ވަނީ ވަކި ވެގަތުމަށް ފުރުސަތު ނުދީ، އާމްދަނީ ހޯދޭ ގޮތަށް މަރުކަޒީ ސަރުކާރު ވަރުގަދަ ކޮށް ބާއްވާށެވެ. އެކަމަކު 1935ގެ ގާނޫނާ ޚިލާފަށް އިންޑިއާ އިއްތިޙާދީ ދައުލަތެއްގެ ގޮތުގައި ބާއްވަން ބާރުއެޅުއްވީ ޑރ. އަމްބެޑްކާރެވެ. އެކަން ފާސްވެފައި އަމަލު ކުރަނީވެސް އެގޮތަށެވެ.
ވޯޓު ލުމުގެ މައްސަލާގައި މުސްލިމުން ބާރު އެޅީ މުސްލިމުން ވޯޓްލާން ޖެހޭނީ މުސްލިމުން ހޮވާ ގޮތަށް ކަމަށެވެ. ނަމަވެސް ވައްލައްބައި ޕަޓޭލް އެކަމާ ދެކޮޅަށް ނިކުންނަވައި އެފަދަ ފަރާތްތަކަށް ޕާކިސްތާނަށް ދިއުމަށް ފުރސަތު އޮތް ކަމަށް ވިދާޅުވެ ބައިބައި ކުރުމުގެ ފުރުސަތެއް ނުދެއްވިއެވެ. ވައްލައްބައި ޕަޓޭލަކީ އިންޑިއާގެ އޭރުގެ ހޯމް މިނިސްޓަރެވެ.
އެންމެ ހޫނު ބަހުސެއް ކުރެވުނު އަނެއް މައްސަލައަކީ އިންޑިއާގެ ރަސްމީ ބަހާ ބެހޭ ގޮތުންނެވެ. އެއް ބަޔަކު ހުށަހެޅީ އިނގިރޭސި ރަސްމީ ބަސްކަމަށް ހަމަޖައްސާށެވެ. އަދި އަނެއް ބަޔަކު ހިންދީއަށެވެ. ވައްލައްބައި ޕަޓޭލަކީ ގުޖުރާތު ބޭފުޅެކެވެ. ނެހްރޫއަކީ އަސްލު ކަޝްމީރުގެ ހިންދީ ބަހުގެ ބޭފުޅެކެވެ. އަބްދުލް ކަލާމް އާޒާދަކީ އުރުދޫ ބަހުގެ ބޭފުޅެކެވެ. އަމްބެޑްކާރަކީ އިނގިރޭސި ބަހަށް ލޯބި ކުރެއްވި މަރާޓީއެކެވެ.
މަޖިލީހުގެ ބަހުސްގައި 1946ގެ ޑިސެމްބަރު 10ގައި ހިންދީ ބަހުން ވާހަކަ ދައްކަވާ މެންބަރަކު ވިދާޅުވީ ހިންދުސްތާނީ ބަސް (ހިންދީ) ނުދަންނަ މީހުން އިންޑިޔާގެ ޤާނޫނުއަސާސީ އެކުލަވާލުމަށް މަޖިލީހަށް ހާޒިރުވެތިބުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އެވާހަކައިން މަޖިލީހުގައި ހަލަބޮލިކަމެއް އުފެދުނެވެ.
ހިންދީ ބަހުން ވާހަކަދައްކާ ގިނަ މެންބަރުން ބާރުއެޅުއްވީ ގާނޫނުއަސާސީގެ ކޮންމެ މާއްދާއެއް އެބޭފުޅުންނަށް ހިންދީން ތަރުޖަމާއާއެކު ހުށަހަޅުއްވާށެވެ. އަދި އިނގިރޭސިން ލިޔެފައިވާ ޤާނޫނުއަސާސީއެއް އެ ބޭފުޅުން ތަސްދީގު ނުކުރާނެ ކަމަށް އިންޒާރު ކުރެއްވިއެވެ. އެއިރު ތަމަޅައިން ވާހަކަ ދައްކަވާ މަދަރާސީގެ މެމްބަރު ޓީ.ޓީ.ކްރިޝްނާމަޗާރީ ވިދާޅުވީ އިންޑިއާ އެއްބައިވަންތަ ކޮށް ބާއްވަން ބޭނުން ނަމަ "ހިންދީ އިމްޕިރިއަލިޒަމް" ނައްތާލަން ޖެހޭނެ ކަމަށެވެ. އަދި ތަމަޅަ ސަރަހައްދުގައި ވަކިވެގަތުމުގެ ހަރަކާތެއް އޮތް ކަމަށްވެސް އޭނާ އިންޒާރު ކުރެއްވިއެވެ.
އެންމެ ފަހުން މަޖިލީހުން މެދުމިނުގެ ހުށަހެޅުމެއް ފާސް ކުރިއެވެ. އެއީ، އިންޑިއާ ސަރުކާރުގެ ރަސްމީ ބަހަކަށް ހިންދީ ބަސް ހަދައި ހަދައި، ކުރިއަށް އޮތް 15 އަހަރު އިތުރު ބަހެއްގެ ގޮތުގައި އިނގިރޭސި ބަސްވެސް ކަނޑައަޅާފައި ބޭއްވުމެވެ. އެކަމަކު 15 އަހަރު ފަހުން މިއަދާހަމައަށްވެސް އެކަން އެގޮތަށް ދެމިގެން ގޮސްފައި ވެއެވެ.