މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން މިއަދު ނިންމާލައްވައިފިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕޭން ފަހު ހަރަކާތް ބޭއްވީ ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑު އެކެއް ސަރަހައްދުގައެވެ.

މި އެއްވުމުގައި އެމަނިކުފާނަށް ތާއީދު ކުރައްވާ ވަރަށްގިނަ މީހުން ބައިވެރިވިއެވެ. މިއެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެއް މަސްދުވަހުގެ ކެމްޕޭނަކަށްފަހު މާދަމާއަކީ ނަތީޖާ ނެރޭދުވަސްކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަޕޯޓަރުން މާދަމާ ނިކުމެ އެމަނިކުފާނަށް ވޯޓުލައި ފޮށިތައް ފުރާލުމަށް އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ ކެމްޕޭން ޓީމުތަކުގެ އަތުގައި އޮތްލިސްޓުގައި އެމަނިކުފާނަށް ވޯޓުދޭނޭ މީހުންގެ ނަންތައް ވެސް އޮންނާނޭ ކަމަށެވެ. ކުރާންވީ ކަމަކީ މާދަމާނުކުމެ ވޯޓުފޮށްޓަށް ވޯޓުލީމައި ނިމުނީ ކަމަށެވެ. މާދަމާރޭ ސާފު ނަތީޖާ އެމަނިކުފާނު ކޮޅަށް ނިކުންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ ފާއިތުވި އެއްމަސްތެރޭގައި މާލެއާއި ރަށްރަށުގައި އަމަނިކުފާނަށް ކެމްޕޭން ކޮށްދެއްވުމަށް އެކޮގޮތްގޮތުން އެހީތެރިވެދިން އެންމެނަށް ޝުކުރު އަދާކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރަކީ ވަރަށްމުހިންމު ވަގުތުކޮޅެއް ކަމަށެވެ. އެހެންކަމުން ދެންވެސް އެމަނިކުފާނަށް ވޯޓުދޭން ބުނެފައިވާ މީހުންގެ ލިސްޓުތައް ބަލައި މާދަމާއަށް ތައްޔާރުވުމަށް އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހަމައްދު ނަޝީދުވެސް ވަނީ އެމަނިކުފާނުގެ ކެމްޕޭނުގެ އެންމެފަހު ހަރަކާތް މިއަދު ބާއްވައިފިއެވެ. އެމަނިކުފާނު ކެމްޕޭން ނިންމަވާލެއްވީ މާލޭގައި ސަޕޯޓަރުންނާއެކު ބޭއްވި ހިންގާލުމަކުންނެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވޯޓު ލެވޭ ގޮތަށް އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު އެވެ. އެހެންވެ، ޕްރައިމަރީގެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތައްތައް ބޭއްވީ މިއަދު ހަވީރު އެވެ.

ދޭ ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކުރައްވާނޭ ކަމަށެވެ. ޕްރައިމަރީއަށްފަހު އެކުގައި މަސައްކަތް ކުރެއްވުމަށް ރައީސް ސާލިހުވަނީ ރައީސް ނަޝީދަށް ދަންނަވައިފައެވެ.