އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލާން ފަށައިފިއެވެ. ވޯޓުލާން ފަށައިފައިވަނީ ހެނދުނު 9:00 ގައެވެ. ވީޓުލުން ކުރިއަށްދާނީ ހަވިރު 5:00 އަށެވެ. މިއިންތިޚާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުންނެވެ. އެއީ ޕާޓީގެ އިސްލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެއްމަސްދުވަހުގެ ކެމްޕޭނަކަށްފަހު އިއްޔެ ހަވީރު ދެ ބޭފުޅުން ވެސް ވަނީ ކެމްޕޭން ހަރަކާތް ނިންމާލައިފައެވެ. ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނޭ ކަމަށެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 57،257 މެމްބަރުންނަށެވެ. ޕްރައިމަރީގައި ވޯޓުލުމަށްޓަކައި އެކިރަށްރަށުގައިވަނީ 194 ފޮށި ބަހައްޓައިފައެވެ. އޭގެ އިތުރުން މާލޭ ސަރަހައްދުގައިވަނީ 49 ވޮޓުފޮށި ބަހައްޓައިފައެވެ.

މި އިންތިޚާބުގައި ހއ އަދި ހދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ސީއެޗްއެސްސީ ހޯލުގައެވެ. ށ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އަމީނިއްޔާ ސްކޫލުގައެވެ. ނ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގައެވެ. ރ، ބ އަދި ޅ. އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައެވެ. އޭގެ އިތުރުން އއ، ކ އަދި އދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ހިރިޔާ ސްކޫލު ކޮރިޑޯގައެވެ.

ވ. މ އަދި ދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައެވެ. އޭގެއިތުރުން ތ އަދި ލ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ އިމާދުއްދީން ސްކޫލުގައެވެ. ގއ އަދި ގދ އަތޮޅުގެ ހުރިހާ ރަށެއްގެ ވޯޓު ފޮށިތައް ހުންނާނީ ތާޖުއްދީން ސްކޫލުގައެވެ. ފުވައްމުލައް ސިޓީގެ ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ މާފަންނު މަދުރަސާގައެވެ. އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ އިއްޒުއްދީން ސްކޫލުގައެވެ.

ހުޅުމާލެ ދާއިރާގެ ވޯޓު ފޮށި ހުންނާނީ ރެހެންދި ސްކޫލުގައެވެ. ހެންވޭރު ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ ކަލާފާނު ސްކޫލުގައެވެ. އެމްޑީޕީން ބުނީ ގަލޮޅު ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ ޖަމާލުއްދީން ސްކޫލުގައި ކަމަށެވެ. މައްޗަންގޯޅި ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލު ހޯލުގައެވެ.މާފަންނު ހުރިހާ ދާއިރާއެއްގެ ވޯޓު ފޮށިތައް ހުންނާނީ ހިރިޔާ ސްކޫލު ހޯލުގައިއެވެ. ވިލިމާލެ ދާއިރާގެ ވޯޓު ފޮށި ހުންނާނީ މުހިޔުއްދީން ސްކޫލުގައެވެ.