މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުފޮށްޓަށް ގެއްލުންދީގެެން މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އޭގެ ތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގދ. ރަތަފަންދޫ ވޯޓުފޮށްޓަށް ގެއްލުންދީގެން ކަމަށް ފުލުހުން ބުންޏެވެ. އަނެއްމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައި ގދ. ތިނަދޫ ވޯޓުފޮށްޓަށް ގެއްލުން ދީގެންނެވެ. މިއީ 3 ފިރިހެނުން ކަމަށް ފުލުހުން ބުންނެވެ.

މިއަދު ކުރިއަށްދާ ޕްރައިމަރީގައި ގދ. ގައްދޫގައިވެސް ވަނީ މައްސަލަ ބޮޑުވެ ވޯޓުފޮށި ހަލާކުކޮށް ކަރުދާސްތައް ވެސް އުކާލައިފައެވެ. މައްސަލަަ ޖެހުނީ ބައެއް މީހުން ބޮޑިކެމެރާއާއެކު ވޯޓުލާން ވަންނަކަމުގެ ތުހުމަތުގައެވެ. ގައްދޫގައި އުފެދުނު ހަމަނުޖެހުމަށްފަހު ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް ނަޝީދުގެ މަންދޫބުން ބޭރުކުރުމަށްފަހުގައެވެ. މީގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް ހަމަނުޖެހުން ހިނގާފައިވެއެވެ.

މިކަމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.