އެމްޑީޕީން މިއަދު ކުރިއަށް ގެންދާ ރިޔާސީ ޕްރައިމަރީގައިި ވޯޓުލުމަށް މަރުކަޒުތަކުގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ފަޅާލައި ގެއްލުން ނުދިނުމަށް ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހީމް މުހައްމަަދު ސާލިހާއި، ރައީސް މުހައްމަދު ނަޝީދުގެ ޓީމުތަކަށާއި މެމްބަރުންނަށް އެމްޑީޕީން އިލްތިމާސް ކުރައްވައިފިއެވެ.

އެޕާޓީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ "މިއަދު ކުރިއަށްދާ މި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރަން،" ކަމަށެވެ.

އެފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނޭ ކަމަށްވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ. އިންތިޚާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އެމްޑީޕީން ވަނީ ދީފައެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިއޮތީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. މިހާރު ގަޑިވަނީ ހަމަވެފައެވެ.