މިއަދު ބޭއްވި އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް އެޕާޓީގެ ރިޔާސީ ޓިކެޓް އެޕާޓީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަށަވަރު ކުރައްވައިފިއެވެ.

މިއަދު ބޭއްވު ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް ސާލިހު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެެވެ. މިހާތަނަށް ގުނައި ނިމިފައިވާ ވޯޓުފޮށިތަކުން ރައީސް ސާލިހުވަނީ ބާވީސް ހާސް ވޯޓު ހޯއްދަވައިފައެވެ. ރައީސް ނަޝީދަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ ސާދަ ހާސް ވޯޓެވެ.

މިއަދު ވޯޓުލުން ކުރިއަށްދިޔައިރު ބައެއް މަރުކަޒުތަކުގައި ތަފާތު މައްސަލަތައް ކުރިމަތިވިއެވެ. އެގޮތުން ވޯޓުފޮށި ފަޅާލައި ހަމަނުޖެހުން ހިންގާފައިވެއެވެ. އެފަދަ ކަންކަން ނުކުރުމަށް އެމްޑީޕީންް ވާދަވެރި ދެ ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުތަކަށާއި ސަޕޯޓަރުންނަށް އެންގިއެވެ، އެފަދަ ކަންކަންކުރާނަމަ ވިޔަފަޅު އަޅާނޭ ކަމުގެ އިންޒާރުވެސް ދިނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބައެއް މަރުކަޒުތަކުން އެމަނިކުފާނުގެ މަންދޫބުން ނެރެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ވޯޓުލާފައިވާކަމަށެވެ.