އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނުކުތް ނަތީޖާއާ އެކުކުރިއަށް ދިއުން ނޫން "ޗޮއިސް" އެއް ނެތް ކަމަށް ހުޅުމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ ޕްރައިމަރީން މޮޅުވެ އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރުކުރުމުން ރައީސަށް މަރުހަބާ ވިދާޅުވެ ނިޔާޒު ކުރެއްވި ޓުވިޓުގައި ވިދާޅުވެފައިވަނީ ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުގަދަކުރުމަކީ އެމް.ޑީ.ޕީ އިން ދަސްވި އަގުހުރި ފިލާވަޅެއް ކަމަށެވެ. އެހެންވީމާ "މާޒީން އިބްރަތް ހާސިލްކޮށް ފެންނަން އޮތް ނަތީޖާއާއިއެކުކުރިއަށް ދިއުން ނޫން ޗޮއިސްއެއް ނެތެވެ." އޭނާ ވިދާޅުވެފައިވެއެވެ. "މަރުހަބާ ރިޔާސީ ކެންޑިޑޭޓް ރައީސް އިބޫ، މަރުހަބާ އެމް.ޑީ.ޕީ،"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވައި ރައީސް ސާލިހު އިންތިޚާބު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. ރައީސް ސާލިހު ވަނީ 61 ޕަސެންޓު ވޯޓު ހޯއްދަވައިފައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ.