އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކާމިޔާބު ކުރައްވާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ގަބޫލުކުރައްވައިފިއެވެ.

"އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ސާލިހަށް ލިބުނު ކަމަށް ބުނާ ވަރަށް ގިނަ ވޯޓް އުނިވާނެ. އެހެނަސް އަޅުގަނޑު ލަފާ ކުރަނީ ވޯޓް ލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ސާލިހު މޮޅުވާނެ ކަމަށް،" ރައީސް ނަޝީދު މިއަދު އެމްޑީޕީގެ ވަޓްސްވައަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑަށް ފެންނަނީ ރައީސް ސާލިހާއެކު ގޮސް 2023 ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް" ކަމަށެވެ. މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރެއްވުމާއި މެދު އެއްޗެއް ވިދާޅުނުވެ ހުންނެވުމަށް ފަހު، އެމަނިކުފާނު ބަހެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް 24،566 ވޯޓު ލިބުނުއިރު، ރައީސް ނަޝީދަށް ލިބުނީ 15،641 ވޯޓެވެ.