އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެ ވަޑައިގެންނެވުމުން ދެންކަންތައް ކުރައްވާނޭ ގޮތް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް ހެދުމަށް ކަމަށެވެ. އެއަށްފަހު އެޕާޓީން ކަނޑާލައިފައިވާ މީހުން އަލުން ޕާޓީއާ ގުޅި އެމީހުންނާއެކު ގޮތް ނިންމަން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ހުށަހަޅަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދައި، ކަނޑާލި 39 ހާސް އަށްވުރެ ގިނަމީހުން އަލުން އެމްޑީޕީއާ ގުޅި އެމީހުންނާއެކު އަޅުގަނޑުމެންނަށް ފެންނަގޮތް ނިންމުމަށް،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ ފިކުރެއްގެ ދިރުުންގެ ފަރާތުން ތާއިދުކުރާ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ފަހުން ކަަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކުރިއަށް ޕާލަމެންޓްރީ ނިޒާމަށް ބަދަލުކުރުމަށް އެއްބަސްވާ ކެންްޑިޑޭޓަކަށް ތާއީދުކުރަަން ފަސޭހަވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ސާލިހަށް ކާމިޔާބު ނުކުރެވޭނޭ ކަމަށެވެ.

ރައީސް ނަޝީދު ވދާޅުވީ އިންތިޚާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ސާލިހަށް ލިބިވަޑައިގެންނެވި ވަރަށް ގިނަ ވޯޓް އުނިވާނޭކަމަށެވެ. "އެހެނަސް އަޅުގަނޑު ލަފާ ކުރަނީ ވޯޓް ލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ސާލިހު މޮޅުވާނެ ކަމަށް،" ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްވައަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިގޮތަށް ނިންމެވުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ އެއީ ޕާޓީގެ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ. އެހެން ކަމުންްް ޕާޓީތެރެއިން އިތުރު ފިކުރެއް ނުއުފައްދައި އަލުން ވިސްނަވާ ވަޑައިގެންނެވުމަށް ފައްޔާޒު ވަނީ ރައީސް ނަޝީދު އަރިހުން އެދިވަޑައިގެންފައެވެ.