ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް އިންތިޒާމް ކުރަން ޖެހޭނީ ތިންވަނަ ފަރާތަކުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުމަރު ވިދާޅުވީ ޕާޓީގެ އެފަދަ އިންތިޚާބުތައް އަމިއްލައަށް ބޭއްވުމުން އިންސާފުވެރިއެއް ނުވާނޭ ކަމަށެވެ. "އެފަދަ އިންތިޚާބުތައް ބާއްވަން ވަނީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ނުވަތަ އެހެން ތިންވަނަ ފަރާތަކުން. އެ ނޫން ގޮތަކަށް އެކަންކުރާނަމަ ޕާޓީތައް ބައިބައިވެ ފެކްޝަންތައް އުފެދިގެންދާނެ،" އުމަރު ވިދާޅުވިއެވެ.

އެމްޑީޕީ ޕްރައިމަރީއާ ބެހޭ ގޮތުން އުމަރު ވިދާޅުވީ ޕްރައިމަރީ ބާއްވަން ނެގި ކޮމިޓީގައި ތިބީ ރައީސް ސާލިހަށް ތާއިދު ކުރައްވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ފަރާތްޕުޅުން އެކަމަށް ޖެއްސޭނޭ މައްސަލަތަކާއި ކުރެވޭނޭ ޝަކުވާތައް ހުންނާނޭ ކަމަށެވެ.

އުމަރު ވިދާޅުވީ އެވަގުތަކު ބާރު އޮންނަ ބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް އަމަލުކުރަން ވެއްޖެ ކަމަށްވާނަމަ އެ ދަތުރުކުރެވެނީ ރަސްކަމަކާ ދިމާއަށް ކަމަށެވެ.

އުމަރު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށްފަހު ޕާޓީގައި ދެ ފިކުރެއް އުފެދުމަކީ މެދުން އަރާ ކެންޑިޑޭޓުންނަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ.