ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ނިހާން ފުރުން މަނާކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނިހާން ވަނީ އެ މައްސަލައިގެ ތަހުގީގަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ނިހާންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލު އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ފިލަންވެގެން ނިހާން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގު ކުރައްވާފަ އެވެ.
ނިހާން ވިދާޅުވީ މިހާތަނަށް ވެސް އޭނާ ވަނީ ތަހުގީގަށް އެއްބާރުލުން ދީފައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.