ކުރިއަށްއޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްހައި ދުވަސްތެރޭގައި ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނޭ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މައްސަލަ އިސްތިއުނާފު ނުކުރެވި ލަސްވަނީ ކަމުގެ ބޮޑުކަމުން ބަލަންޖެހޭ ކަންކަން ބެލުމާއި ދަށުކޯޓުގެ ހުކުމް ރަނގަަޅަށް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ. ހަފްތާއެއް ނުވަތަ ދެހަފްތާއޭ ވިދާޅުވިޔަސް ސީދާ ތާރީޚެއް އާދަމް ޝަމީމް ވިދާޅެއްނުވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އަބަދުވެސް ވިދާޅުވަމުން ގެންދެވި މިމައްސަލަ އިސްތިއުނާފު މަރުހަލާގައި ކާމިޔާބު ކުރެވޭނޭ ކަމަށެވެ. ހަގީގަތަކީ އެމައްސަލަ ދައުލަތަށް ސާބުތކޮށްދެވިފައި ނުވުން ކަމަށް ވެސް ޓީމުން ބުނެފައިވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިިޔަ މަހުގެ 25 ގައެވެ. އެއީ ވ. އާރަށް ކުއްޔަދިނުމުގައި ރިޝްވަތުހިފުމުގެ ކުށާއި މަނީލޯންޑަރ ކުރުމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ކުރި ހުކުމެމެވެ. އެމަނުކުފާނު މިހާރު ގެންދަަވަނީ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.