އެސްއެމްއީ ހަބުން ގޮޅިތައް ކުއްޔަށް ނަގައިގެން ފިޔަފާރި ކުރަމުންދާ މީހުން ބުނާ ގޮތުގައި އެތަނުގެ ކުލި މިހާރަށްވުރެ ކުޑަވާން އެބަޖެހެއެވެ. އެއީ ދައްކަންޖެހޭ ކުއްޔާއި ކުރަންޖެހޭ އެހެނިހެން ޚަރަދަށްބަލާއިރު އަތުން ކުރަންޖެހޭ ޚަރަދު ބޮޑު ކަމުން ދެކޮޅު ނުޖެހޭތީ ކަމަށް އެމީހުން ބުންޏެވެ.

"މިތަނަށް މީހަކު ވަދެލަނީ ވަކި ގަޑިއެއްގައި. ބައެއްދުވަހު އެބަހުރި ހަތަރުދަމު ތިގެން އެންމެ އެއްޗެއްވެސް ވިކިފައި. އެކަމަކު މަހުކުލި އެހާބޮޑު. މިވަރުން ދެކޮޅަކު ނުޖެހޭ. އަދި މިދަނީ ގެއްލުމުގައި،" އެތަނުން ގޮޅިއެއް ނަގައިގެން ވިޔަފާރު ކުރަމުން އަންނަ މީހަކު ބުންޏެވެ.

އެހެން މީހަކު ބުނީ އެތަން ހަދާފައިވަނީ ފެންވަރާއި ޑިޒައިނަށް ބަލާއިރު އެއީ އާންމު ދިވެހިންނާ ގުޅޭ ގޮތެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެއީ ފުދުންތެރީންނަށް އެންމެ ރަނގަޅުތަނެއް ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެތަނަށް އަދި އެކަށީގެންވާ މިންވަރަކަށް ކަސްޓަމަރުން ނުވަންނަކަމުގެ ޝަކުވާ ވެސް އޭނާ ކުރިއެވެ.

އެތަނުގެ ބައެއް ގޮޅިތަކުގެ ކުލި ދިހަހާހަށް އަރައެވެ. އެހެންކަމުން އަމިއްލަ އެއްޗެހި އުފައްދައިގެން އެތަނުގައި ބަހައްޓައިގެން ވިއްކައިގެން ދެކޮޅު ނުޖެހޭ ކަމަށް އެތަނުގައި ވިޔަފާރިކުރާ އެންމެން އިއްތިފާގު ވެއެވެ. އެހެން ކަމުން އެތަނުގެ ބަދަލުގައި އެހެންތަންތަނަށް އަމިއްލަ އުފެއްދުންތައް ލައިގެން ވިއްކަންޖެހޭ ކަމަށް ވެސް އެމީހުން ބުންޏެވެ. "ވަރަށްބުރަކޮށް މަސައްކަތް ކޮށްގެންވެސް އެކަށީގެންވާ އެއްޗެއް ނުވަދޭ. މިތަން ހުޅުވައިގެން އައުކޮޅުވީމާ ކަމަށް ވެސް ވެދާނެ. އެކަމަކު މީހުންނަށް އެކަށީގެންވާ ކުއްޔަކަށް މިތަނުގެ ކުލި ކުޑަކުރަން އެބަޖެހޭ. ފަހުން ކުލިބޮޑުކުރަން ޖެހުނަސް މިވަގުތަށް ކުލި ކުޑަކުރުން ވަރަށް މުހިންމު. ފަސް ހާސް ރުފިޔާ އަށް ކުލި ކުޑަކުރަން އެބަޖެހޭ،" ދިހަހާސް ރުފިޔާއަށް ގޮޅިއެއް ނަގައިގެން އުޅޭ މީހަކު ބުންޏެވެ. މިއީ އެންމެންވެސް އިއްތިފާގުވާ ކުއްޔެކެވެ. އެއް އަހަރަށް ނަމަވެސް ކުލި ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށް އެތަނުގައި ވިޔަފާރިކުރާ މީހުން ވަނީ ބުނެފައެވެ.

މިކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ ވާހަކަވެސް ދައްކަން މަސައްކަތްކުރި ކަމަށާއި އެހެންނަމަވެސް އަދި އެކަން ކާމިޔާބުނުވާ ކަމަށް ބައެއް މީހުން ބުންޏެވެ.

އެތަނުގައި ވިޔަފާރިކުރާ ބައެއް މީހުން އެހެންކަމެއްވެސް ފާހަގަ ކުރިއެވެ. އެއީ މެނޭޖުމަންޓުން ލިބޭ އެއްބާރުލުމެވެ. "އެބޭފުޅުން ދުވަހުން ދުވަހަށް ވަޑައިގެން ކަންކަން ހިނގާނުހިނގާގޮތް ބައްލަވައި ހިތްވަރު ދެއްވާ، އެއީ ވަރަށް އުފާވާކަމެއް އެހެންނަމަވެސް އެއީ އެއްބައި. އަނެއްބަޔަކީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމުގެ އިންތިޒާމެއް ރޭވުން. އެއީ ކުލި ކުޑަކޮށްދިނުން. އެހެންނޫންނީ މިކަމުން ލިބޭނޭ ފައިދާއެއް އަދިއެއްނެތް،" އެތަނުގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.