އިންޑިއާއަކީ އެގައުމުގެ ދުސްތޫރީވެރިކަން ހިންގުމުގައި ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ގައުމުތަކަށް އޮތް އަލިގަދަ ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދޅުވީ އިންޑިއާގެ ގާނޫނު އަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަސައްވުރަކީ ފުރިހަމަ ނަމޫނާއެއްކަމަށް ފާހަގަ ކުރައްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާއިން ތަރައްގީގައި ހޯދައިފައިވާ ކުރިއެރުމާއި ސާބިތުކަމަށްޓަކައި އެގައުމަށް ތައުރީފް ކުރައްވައިފައެވެ. އިންޑިއާގެ ކާމިޔާބީގައި އެގައުމުގެ ގާނޫނު އަސާސީ މުހިއްމު ދައުރެއް އަދާކޮށްފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންބޮޑު އުނދަގޫ ހާލަތްތަކުގައި ވެސް އިންޑިއާއިން ވަނީ އެގައުމަކީ ރާއްޖެއާ އެންމެގާތް އެއްގައުމުކަން އަމަލީގޮތުންވެސް ދައްކުވައިދީފައި ކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ފޯރުކޮށް ދެމުންގެންދާ އެހީތަކަށާއި، ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރި މައްސައްކަތްތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތައް ރައިސް މިރޭ ފާހަގަކުރެއްވިއެވެ. އިންޑިއާގެ ޖުމްހޫރީ ޙަޔާތުން މިފެށުނު އައު އަހަރުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.