މާލޭސިޓީ ކައުންސިލުން ކުރިން ދެމުންއައި ބައެއް ޚިދުމަތް ދިނުމަށް ގެންގުޅުނު އުސޫލު ބަދަލުކޮށް އަގުބޮޑު ކޮށްފައިވާތީ މާލޭސިޓީ ކައުންސިލް ގޮވައިގެން ކޯޓަށްދާނޭ ކަމަށް ސްޓެލްކޯއިން މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ އެ މައްސަލައަކީ ޑރ. މުހައްމަދު މުއިއްޒާއި އޭނާއާ ދެމެދު އޮތް މައްސަލައެއް ނޫންކަމަށެވެ. އެއީ ސަރުކާރުގެ ދެ މުއައްސަސާއެއްގެ މެދުގައި އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން އެކަން ރައްޔިތުންނަށްޓަކައި ވެސް ހައްލުވާން ޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކުރިން 60 ރުފިޔާއަށް ދެމުން ގެންދިޔަ މަގުމަތީގައި ބަހައްޓާ ބޯޑެއްގެ އަގު މިހާރުވަނީ 200 ރުފިޔާއަށް ބޮޑުކޮށްފައި ކަމަށެވެ. ރޯޑު ބްލޮކްކުރަން ބަހައްޓާ ބޯޑު ކުރިން 150 ރުފިޔާ ނަގަމުންއައިސް މިހާރު 300 ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އޭގެ އިތުރުން ކުރިން އެއްވެސް އަގެއްނުނަގައި ދެމުން އައި ޚިދުމަތެއް ކަމަށްވާ ޕޭވްމަންޓް މަތީގައި ކޮނެގެން އެއްޗެއް ވަޅުލަންޖެހިއްޖެ ނަމަ މިހާރު ކޮންމެ ފޫޓަކަށް 25 ރުފިޔާ ނަގަން ސިޓީކައުންސިލުން ނިމާފައިވާ ކަމަށެވެ. މަގުމަތީގައި ބަހައްޓާ ބޮލޮކްތަކަށް ކޮންމެ ފޫޓަކަށް 100 ރުފިޔާ މިހާރު ނަގާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެއީ ކުރިން އެ ޚިދުމަތްތަކަށް އާންމުރައްޔިތުން ދައްކަމުންދިޔަ އަދަދުގެ 154 ޕަސެންޓު ބޮޑު އަދަދެއް ކަމަށެވެ.