އޮސްޓްރޭލިއާގެ ފައިސާ ނޫޓުތަކުގައި ދެން އިނގިރޭސި ރަސްކަލެއް ނުވަތަ ރާނީއެއްގެ ފޮޓޯއެއް ނުފެންނާނެއެވެ. މިހާރު ރާނީގެ ފޮޓޯ ހުރި ނޫޓުތައްވެސް އުވާލަނީއެވެ.

ރާނީ ގެ ފޮޓޯ ފެންނަން ހުންނަ 5 ޑޮލަރުގެ ނޫޓުތައް އުވާލައި އެނޫޓްތަކުގައި ޗާލްސް ރަސްގެފާނުގެ ފޮޓޯވެސް ނުޖަހާން ވަނީ ނިންމާފައެވެ. އޭގެ ބަދަލުގައި އޮސްޓްރޭލިއާއިން 5 ޑޮލަރުގެ ކަރުދާހު ނޫޓްގައި ޖަހާނީ ދޮން މީހުން އެގައުމަށް ވެރިވެގެން ނައްތާލި އެފަސްގަނޑުގެ އަސްލު ދަރިންގެ ސަގާފަތް ރަމުޒު ކޮށްދޭ ކުރެހުން ނުވަތަ ފޮޓޯއެވެ.

ރިޒާވް ބެންކު އޮފް އޮސްޓްރޭލިއާއިން ބުނެފައި ވަނީ 5 ޑޮލަރުގެ ނޫޓުގައި ޖަހާނެ ސަގާފީ ކުރެހުމެއް ނުވަތަ ފޮޓޯއެއް ނިންމާނީ އަސްލު ވަޒަންވެރިންގެ ފަރާތްތަކާ އެކު މަޝްވަރާތައް ބާއްވާފައި ކަމަށެވެ.

އިނގިރޭސި ރާނީއަކީ ދުނިޔޭގެ 33 ފައިސާއެއްގައި ފޮޓޯ ޖަހފައިވާ ޝާހީ ޝަޚުސިއްޔަތެވެ.