ހިފާފައިވާ ގުދުސްގައި އަރްމީނިއާގެ ނަސާރާއިން ހިންގާ ރެސްޓޯރެންޓަކަށް ވަދެ ޔަހޫދީ އިސްތިއުމާރީ ވަޒަންވެރިޔަކު ވަނީ ގޮނޑިތައް އުކައި، ތަން ހަލާކު ކޮށްލައި، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް ފުރައްސާރައިގެ ބަސްތައް ރައްދުކޮށްފައެވެ.
ނަސާރާއިން ދިރިއުޅޭ ސަރަހައްދުގައި ހުރި މި ރެސްޓޯރެންޓަށް ޒަޔަނިސްޓް ހަމަލަ އަމާޒު ވުމުން އެހިސާބުގެ ނަސާރާ ފައްޅީގެ އިސް ފާދިރީ ވަނީ ރެސްޓޯރަންޓާއި އެ އަވަށަށް ޒިޔާރަތް ކޮށް ހަމްދަރްދީ ފާޅުކޮށްފައެވެ.
ބުދަ ދުވަހު ހިނގި އެހެން ހާދިސާއެއްގައި ހިފާއިވާ ގުދުސްގައި އެމެރިކާ މީހަކު ވަނީ ނަސާރާއިންގެ ފައްޅިއެއްގައި ބަހައްޓާފައި ހުރި ބުދެއް ބިންމައްޗަށް ވައްޓާލައިގެން އެ ބުދު ތަޅާލަން އުޅެފައެވެ. އެހާދިސާގައި ޒަޔަނިސްޓް ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެއީ ބުއްދި ހަމަޖެހޭ އެމެރިކާ މީހެއްތޯ ބެލުމަށް ޓެސްޓްތައް ހަދާނެ ކަމަށެވެ.