ފާޑު ކިޔާ މީހުންގެ އަނގަ ބަންދުކުރަން އެކި ގައުމުތަކުގައި ބޭނުން ކުރާނީ އެކި ޒާތުގެ އުކުޅުތަކެވެ. މިއީ ސުއިޑްންގެ ސަރުކާރުގެ އިދާރާތަކަށް ޚާއްސަކޮށް ސުއިޑްންގެ ސޯޝަލް ސާވިސްއާ ދެކޮޅަށް ފާޑު ކިޔާ ޒައިނަބް ލަތީފެވެ. އޭނާ އެ އިދާރާއާ ދެކޮޅަށް ފާޑު ކިޔަން ފެށީ އޭނާގެ ކޮއްކޮ ދަރިން ނުބަލަނީ ކަމަށް ބުނެ، އެކުދިން އާއިލާއާ ވަކިކުރަން އުޅުމުންނެވެ.
ޒައިނަބް ބުނިގޮތުގައި އޭނާ ސޯޝަލް ސާވިސްއާ ދެކޮޅަށް މުޒާހަރާ ކުރުމުން އެފަރާތުން އޭނާއަށް ގުޅާފައި އަންގާފައި ވަނީ އޭނާގެ ކުދިންނާ މެދު ހަރުކަށިވާކަމަށް ސިއްރުން މީހަކު ގުޅާފައިވާތީ އެމައްސަލަ ބަލަމުންދާ ކަމަށެވެ. ނަރުހެއްގެ ވަޒީފާގައި އުޅޭ ޒައިނަބް ބުނީ އޭގެ ރައްދުގައި އޭނާ އެމީހުންނަށް ޖަވާބު ދިނީ އެފަދަ ކަމެއް ހިނގާނަމަ އެކަން ސްކޫލާއި ޑޮކްޓަރުންނަށް އެނގިފައިވާނެ ކަމަށެވެ. އަދި އެއަށްފަހުވެސް ތަފާތު ބަހަނާތަކާއި ގޮދު ރިޕޯޓްތައް ހަދައިގެން އެމީހުން ޒައިނަބް ފަހަތުން އުޅެން ފެށުމުން އޭނާ ވަނީ ދަރިންނާއި ފިރިމީހާއާއެކު ސުއިޑްން އިން ބޭރުވެފައެވެ.
ބުރުގާ ނާޅާ ޒައިނަބް ލަތީފާ ދެކޮޅަށް މީސްމީޑިއާގައި ސިފަ ކޮށްފައިވަނީ ހަރުކަށި އިސްލާމީ ޚިޔާލު ފަތުރާ މުސްލިމެއް ކަމަށެވެ!
ތުރުކީން މިސްރުން ލުބުނާނަށް ގޮސް އެތާގައި އުޅުމަށްފަހު އޭނާއާ ދެކޮޅަށް ބަލަމުން ދިޔަ މައްސަލަ ބެލުން ހުއްޓާލިކަން އެނގުމުން އޭނާ އެނބުރި ސުއިޑްންއަށް އައީ ކުދިން ބޭރުގައި ބައިތިއްބާފައެވެ.
އެއަށްފަހު އަނެއްކާވެސް އޭނާއަށް ސޯޝަލް ސާވިސްއިން ގުޅާފައި ބުނެފައި ވަނީ އޭނާގެ ކުދިން ގެއިން ބޭރުގައި ބޮޑު މީހެއްގެ ބެލުމެއްނެތި މަގުމަތީގައި ކުޅެން ތިބި މަންޒަރު ފެނިގެން ފޯނުކޮށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭގެ ރައްދުގައި ޒައިނަބު ބުނީ ކުދިން ގައުމުގައި ނެތް އިރު އެކުދިން ކުޅެން އުޅެނިކޮށް ފެނިފައިވާ ކާކަށް ހެއްޔެވެ؟ ޒައިނަބް ބުނިގޮތުގައި މިފަދަ ނުތަވަސް ނަފްސާނީ މާހައުލަކަށް ކެތް ނުކުރެވިގެން މިހާރު އޭނާ ސުއިޑްން ދޫކޮށް ބޭރުވެފައިވާ ކަމަށެވެ.