ފެނަކައިން ރަށްރަށުގައި ހިންގަމުން އަންނަ ހުރިހާ އިންޖީނުގެތަކެއް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރައްވާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ރިޔާސީ ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ސަލްޓަންޕާކުގައި ބޭއްވި ޚާއްސަ ހަފްލާގައި އުމަރު ވިދާޅުވީ ކުރިން ފަސް ވަރަކަށް މުވައްޒަފުންލައިގެން ހިންގަމުން އައި އިންޖީނުގެތަކުގެ މުވައްޒަފުންގެ އަދަދު މިހާރު ވަނީ ތިރީހަށް އަރާފައި ކަމަށެވެ. އެއީ ސިޔާސީ ގޮތުން އުފައްދާފައިވާ ވަޒީފާތައް ކަމަށާއި ސިޔާސީ ބޭނުންތަކަށް އެގޮތަށް ވަޒީފާ ދިނުމުން ކުންފުނީގެ ޚަރަދުބޮޑުވެ ގެއްލުންވަމުންދާ ކަމަށެވެ.

"އަޅުގަނޑަށް ވެރިކަން ލިބިއްޖެ ކަމަށްވާނަމަ ފެނަކައިން ހިންގާ އިންޖީނުގެތައް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރާނަން. އެއީ ކުރިން ވެސް އެކަންތައް ކުރަމުންއައި ގޮތް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާ ވެރިކަން ކުރައްވާނީ ހަމަހަމަ އުސޫލުން އިންސާފުވެރި ކަމާއެކު އިސްލާމީ ޝަރީއަތާ ގާތަށް ކަމަށެވެ. އޭނާ ތެދުވެރިވާނޭ ކަމަށާއި ރައްޔިތުންގެ ހުރިހާކަމެއްގައި ވެސް ވަފާތެރިވާނޭ ކަމަށް ވިދާޅުވިއެވެ.