ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި އިންސާނީ ވަގުފާރީގެ މައްސަލަތައް ހައްލު ކުރުމަށް ޗައިނާއިން ބާރު އެޅުމަކީ އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ޗައިނާގެ ކިބައިން އެދި ގޮވާލާ ކަމެކެވެ.
އެމެރިކާގެ އިންސްޓިއުޓް އޮފް ޕީސް އިން ބުނާ ގޮތުގައި އެންމެ ބޮޑަށް މިކަން އާލާވެ ބޮޑު ވަމުން އަންނަނީ އަސްކރީ އިންގިލާބަށް ފަހު މިޔަންމާރުގައެވެ. މިޔަންމާރުގެ ގޯލްޑެން ޓްރޭންގަލް ސްޕެޝަލް އިކޮނޮމިކް ޒޯންގައި ޗައިނާގެ ވިޔަފާރި ވެރިޔާ ޒާއޯ ވެއި އަކީ އިންސާނީ ވަގުފާރީގައި މަޝްހޫރު މީހެކެވެ. އޭނާގެ މަލްޓި މިލިއަން ޑޮލަރުގެ ޖުވާ ކުޅުމުގެ ވިޔަފާރީއާ ގުޅިފައިވާ ކަސްބީ މަސައްކަތުގައި އިންސާނީ ވަގުފާރިއަކީ ބޮޑު ބައެއް ކަމަށް އެ އިންސްޓިއުޓުން ފާހަގަ ކޮށްފައި ވެއެވެ.
ތައިލެންޑްގެ ފުލުހުންގެ އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަްތ ކުރާ ޔުނިޓުން ބުނިގޮތުގައި 2022ގައި އިންސާނީ ވަގުފާރިއާ ގުޅިފައިވާ 248 މައްސަލައެއް ބެލި ކަމަށެވެ. އަދި އެއީ އޭގެ ކުރީ އަހަރު ބަލާފައިވާ 188 އަށް ވުރެން އިތުރު ވަމުން އަންނަ މަސައްކައެއް ކަން އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ. އިންސްޓިއުޓް ޕީސްގެ ރިޕޯޓްގައި ބުނާ ގޮތުން އެ މައްސަލަތަކަކީ، ކޮކަންގް ގެ ސެލްފް އެޑެމިނިސްޓަރޑް ޒޯންގައި ބަލާފައިވާ ކެސިނޯއާއި ޑްރަގާއި ހަތިޔާރާ ގުޅިފައިވާ މައްސަލަތަކެވެ.
ރޭޑިއޯ ފްރީ އޭޝިއާއިން ބުނެފައި ވަނީ 2021ގެ މޭ މަހުން ފެށިގެން 2022ގެ މޭ މަހާ ހަމައަށް ތައި އަންހެން ކުދިންނާއި ލާއޯ އަންހެން ކުދިންގެ 477 ކުދިން ލާއޯ ފުލުހުން ވަނީ ގޯލްޑެން ތްރޭންގަލް ސްޕެޝަލް އިކޮނޮމިކް ޒޯނުން ސަލާމަތް ކޮށްދީފައެވެ.
އަސްކަރީ ވެރިކަމަށް ފަހު މިޔަންމާގައި އާލާވެފައިވާ ޗައިނާގެ ވިޔަފާރި ތަކުން އިޝްތިހާރު ކޮށްގެން ދެކުނު އިރުމަތީ އޭޝިއާގެ ފަގީރު ސަރަހައްދުތަކުން މީހުން ވަޒީފާ ދޭނެ ކަމަށް ބުނެގެން ގެންނަ ގިނަ މައްސަލަތައް ނިމެނީ އިންސާނީ ވަގުފާރީގައި ކަމަށް ޕީސް އިންސްޓިއުޓުން ބުނެއެވެ.
ކެމްބޯޑިއާގައިވެސް މި މަސައްކަތުގައި އުޅޭ ފަރާތްތަކުން ވަކި ހިއްޕާފައި ވެއެވެ. ނޯންމެންގައި މިދިޔަ ސެޕްޓެމްބަރު މަހު ޚާއްސަ އޮޕަރޭޝަނެއް ހިންގައި އިންސާނީ ވަގިފާރީގެ މައްސަލަ ހައްލުކުރުމަށް ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން އެންގެވިއެވެ.
މިމައްސަލައަށް ކެމްބޯޑިއާގައިވެސް ހައްލެއް ލިބިފައެއް ނުވެއެވެ. މިއަހަރުގެ ޖެނުއަރީ 18ގައި، ކެމްބޯޑިއާއިން ޗައިނާގެ އިންސާނީ ވަގުފާރީގެ ވިއުގައަކުން ފިލިޕީންސްގެ އަންހެނުންތަކެއް ސަލާމަތް ކުރެވުނެވެ.