ދިވެހި ފުލުހުންގެ ޚިދުމަތާއި އެޗުޑީސީއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ ސޯޅަ ޓަވަރގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރެކޯޑުކުރެވޭ މަންޒަރުތަކާއި އަޑުތައް، ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމުގައި ނުވަތަ ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށްޓަކައި ވެފައިވާ އެއްބަސްވުމެކެވެ.

ފުލުހުން ވިދާޅުވީ މިއީ މިއަދުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުމާ އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.

މި ފަހުމުނާމާގައި ސޮއި ރަސްމިއްޔާތުއޮތީ އެޗްޑީސީގައި ކަމަށާޢި މި ފަހުމުނާމާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފްއެވެ.