ރޭ ފަތިހު ތުރުކީގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ތުރުކީއަށް އައި މި ބިންހެލުމުގައި 1،600 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައިވެއެވެ. އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ ސީދާ އަދަދު އަދިވެސް ޔަގީން ނުވާތީވެ މަރުވި މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ތުރުކީއަށް އައި މި ބިންހެލުމުގަައި އެތައް ބަޔަކު މަރުވެފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ރައީސު އިބްރާހީމް ސާލިހު ވަނީ މިއަދު ޓްވީޓެއް ކުރައްވާފައެވެ.

"މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީވެ ތައުޒިޔާ ދަންނަވަން. މި އުނދަގޫ ދަތި ދަނޑިވަޅުގައި ރާއްޖެ ވަނީ ތުރުކީ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަދި ތުރުކީގެ ރައްޔިތުންނާއެކު،" ރައީސް ވިދާޅުވިއެވެ.

ތުރުކީއަށް އައި ބާރުގަދަ މި ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ތުރުކީއަށް މިއަދު އައި ބިން ހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށް ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ވަނީ ހާމަކޮށްފައެވެ. 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން މިވަރުގެ ބިންހެލުމެއް އައިސްފައި ނުވާކަމަށާއި 1939ގެ "ގަދަފަދަ" ބިންހެލުމަށް ފަހު އައި އެންމެ ބާރުގަދަ ބިންހެލުމަކީ މިއީ ކަމަށް ވެސް ބުނެފައި ވެއެވެ. ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށާއި އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށްވެސް ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން ވަނީ ބުނެފަ އެވެ. އަދި ފުރަތަމަ ބިންހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ބުންޏެވެ.

ތުރުކީގެ ޑިސާސްޓާ އެންޑް މެނޭޖްމެންޓް އޮތޯރިޓީން މިހާރު ދަނީ އިމާރަތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އެ އިދާރާއިން ބުނީ 3،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށާއި އިމާރާތްތަކުގެ ދަށުވި މީހުންގެ އަދަދު އަދި ސާފުވެފައިނުވާ ކަމަށެވެ.

ސާވޭތައް ބުނާ ގޮތުގައި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިން ހެލުންތައް ވަނީ އައިސްފަ އެވެ.