ޙަމާސްއާއި އިޒްރޭލާ އެކު އެއްބަސްވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއްގެ ވާހަކައެއް ނެތެވެ. މިއީ ހަމައެކަނި ހަމަލަތައް ހުއްޓާލުމާ ބެހޭ އެއްބަސްވުމެކެވެ. ނަމަވެސް ހަމަލަތައް ހުއްޓާލުމާއެކު، ކަންކަން އޮމާންކަމާއެކު ކުރިއަށްދާނަމަ، ޒަޔަނިސްޓު ޔަހޫދުން ހިންގާ ދުނިޔޭގެ އެންމެ ބޮޑު ކޮންސެންޓްރޭޝަން ކޭމްޕްގައި ގައްޒާ މީހުންގެ ގެތައް އިމާރާތް ކުރުމަށް އަރަބި ދައުލަތްތަކާއި އިޒްރޭލުން އެއްބަސްވެގެން މަސައްކަތް ކޮށްދޭން ޖެހެއެވެ.

އިޒްރޭލުން ބުނަނީ ހަނގުރާމައިގެ ކުރިން ރައްޔިތުން ހޮވާފައިވާ ހަމާސްއަށް ޣައްޒާގެ އެއްވެސް ކަމެއްގައި ބަސް ކިޔަން ނުދޭނެ ކަމަށެވެ. ނަމަވެސް އޮސްލޯ މުއާހަދާއިން ފަލަސްޠީނުގެ އިދާރާ ހިންގުމުގެ ބާރު ދީފައިވާ މަހުމޫދު އައްބާސް ހިންގާ ސަރުކާރަށްވެސް ޣައްޒާގައި ބަސްކިޔަން ނުދޭނެ ކަމަށް ޔަހޫދުން ބުނެއެވެ.

ނަމަވެސް ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ މިއަދު ވިދާޅުވީ ހަނގުރާމައަށް ފަހު ޣައްޒާގައި ވެރިކަންކުރާނެ ހަމައެކަނި ފަރާތަކީ ފަލަސްތީނު އޮތޯރިޓީ އެވެ. ފަލަސްޠީނު ސަރުކާރަކީ މުއްދަތު ހަމަވެފައިވާ ރައްޔިތުންގެ ތާއީދު ނެތް ސަރުކާރެކެވެ. މަހުމޫދު އައްބާސްގެ ބާރު ގެއްލިދާނެތީ އިންތިޚާބެއް ބާއްވާކަށްވެސް ބޭނުމެއް ނުވެއެވެ.